ރޭ ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު ކުއްލި ގޮތަކަށް މަރުވި ހާދިސާގައި، ގައިދީ ހޭނެތުނުތާ 8 މިނެޓް ތެރޭގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހުޅުމާލެ ޖަލުގައި މަރުވެފައިވަނީ ހުޅުމާލެ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުހައްމަދު އަސްލަމް 40އ އެވެ.

ސީީސީޓީވީ ފޫޓޭޖާއި، ޖަލު އޮފިސަރުން އަދި ގައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގާދިޔަ ގޮތުގެ ޓައިމްލައިނެއް ހޯމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އެ ޓައިމްލައިންގައިވާ ގޮތުން އިއްޔެ އިރުއޮއްސި 6:02 ގާ ކަރެކްޝަންސްގެ އޮފިސަރުން ހާދިސާއަށް އެޓެންޑުވިއިރު އަސްލަމް އޮތީ ހޭނެތިފާ ކަމަށެވެ. އަދި 6:10 ގާ ހޮސްޕިޓަލަށް ގެންގޮސްފާވާ ކަމަށާއި ވަގުތުން ޑޮކްޓަރުން އަސްލަމަށް އެޓެންޑްވި ކަމަށް އެ ޓައިމްލައިންގާ ވަނީ ފާހަގަކޮށްފައެވެ.

ހޯމް މިނިސްޓްރީން ބުނީ ހުޅުމާލޭ ޖަލުގައި ގައިދީއަކު މަރުވުމާއި ގުޅިގެން ކަރެކްޝަންސް އިން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި ކަމަށެވެ.

އިއްޔެ ހަވީރު 5:55 ހާއިރު މޭޒެއްގެ މަތީގައި އަސްލަމް އިށީނދެ އިންތައް ސީސީޓީވީ އަށް ރެކޯޑްވެފައިވެއެވެ. އަދި 5:59 ގައި މޭޒުމަތިން އަނބުރައިގަނެގެން ވެއްޓުނު ކަމަށާއި އަސްލަމަށް ވަގުތުން ސީޕީއާރު ދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އާއިލާގެ މެމްބަރުންނަށް ގުޅުމުގެ މަސައްކަތް ފަށާފައިވަނީ 6:30 ގައެވެ. އެހެންނަމަވެސް އައިލާގެ މީހަކާ ގުޅިފައިވަނީ 6:42 ގާ ކަމަށް މިނިސްޓްރީން ހިއްސާކުރި ޓައިމްލައިންގައި ފާހަގަކޮށްފާވެއެވެ.

މީގެ އިތުރުން އަސްލަމްގެ ހާލަތު ކަރެންޝަންސްގެ އިންސްޕެކްޓަރުންނަށް ރިޕޯޓް ކޮށްފައިވަނީ އިރުއޮއްސި 6:51 ގައެވެ. އަދި އަސްލަމް މަރުވީ 6:55 ގާ ކަމަށާއި އިންސްޕެކްޓަރުނަށް ހޮސްޕިޓަލަށް ދެވުނީ ރޭގަނޑު 7:25 ގާ ކަމަށްވެސް އެ ޓައިމްލައިމްގާވެއެވެ. އޭރު އަސްލަމް ވަނީ މަރުވެފައި ކަމަށްވެސް ޓައިމްލައިންގައި ބުނެފައިވެއެވެ.

ކަރެކްޝަންސް އިން ބުނީ އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެއް ކަމަށެވެ. އަދި މަރުއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫން ކަމަށެވެ.

އަސްލަމްގެ މަރުގެ މައްސަލަ ބެލުމަށް މިއަދު ރައްޔިތުން މަޖިލީހުންގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ މަޖިލީހަށް ހުށައަޅާފައެވެ.