ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓު ލިބި، އެހެން ފަރާތަކާއި އެކު ފުލެޓު ބަދަލު ކުރަން އެދިފައިވާ މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދުވެސް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ

އެޗްޑީސީން ބުނީ އެހެން ފަރާތަކާއި އެކު ފުލެޓު ބަދަލު ކުރުމަށް އެދި ހުށަހެޅި ފަރާތް ތަކުގެ ތެރެއިން މިއަދު ގެ މެންދުރު ފަހު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ކުރެވޭ ފަރާތްތަކުގެ ލިސްޓް މިއަދު ހެނދުނު އާންމުކުރާނެ ކަމަށެވެ.

އެޗްޑީސީން އިއްޔެ ވެސް ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ.

އެޗްޑީސީން ވަނީ އެކި ސަބަބުތަކާއި ހުރެ މައުލޫމާތު ކަށަވަރުކޮށް ނުދެވުނު ފަރާތްތަށް އެޓަވަރެއްގެ ސޮއިކުރުން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ވަގުތު އެއްބަސްވުުގައި ސޮއިކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ
  • ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުންހެކިވެރިއަކާއިއެކު ހާޒިރުވުންއަދި އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން، HF4 - ހިޔާ 7000 މަޝްރޫޢުއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ "ޕަވާ އޮފްއެޓާނީ" ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގެ އަސްލު ގެނައުން
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަމިއްލަ ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާންޖަހަން ބޭނުން ކުރާ "ދެލީ ޕެޑް" ގެނައުމަކީ އެދެވިގެންވާ ކަމެއް
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި

އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ސެންޓްރޯ މޯލްގެ 2 ވަނަ ފަންގިފިލާގާ ކަމަށެވެ. އެޗްޑީސީން ވަނީ ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑި އަށް ހާޒިރުވުމަށް އިލްތިމާސްކޮށްފައެވެ.