ށ. ފުނަދޫގައި ސަރުކާރުން ހިންގާ ތަރައްގީގެ 6 މަޝްރޫއެއް ހިމެނޭއިރު އޭގެ ތެރޭގައި ހިމެނޭ މިސްކިތް އިމާރާތްކޮށް ނިމިއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ފުނަދޫ ގައި ކުރިއަށް ދާ ތަރައްގީގެ މަޝްރޫތަކުގެ ތަފްސީލަށް ބަލާއިރު މިހާރު ހިނގަމުން ދަނީ އެންމެ މަޝްރޫއެކެވެ. އެއީ ފުނަދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއެވެ.

ފުނަދޫ ފެނުގެ ނިޒާމް ގާއިމުކުރުމާއި އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމް ގާއިމްކުރުން ވަނީ ކޮންޓްރެކްޓް ކޮށްފައެވެ.

މީގެ އިތުރުން އެވޯޑްކޮށްފައި ވާ މަޝްރޫއެއް ހިމެނޭއިރު ޓެންޑާކޮށްފައި ވާ 2 މަޝްރޫއު ހިމެނެއެވެ. އެވޯޑްކޮށްފައި ވަނީ އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫއެވެ. އަދި ޓެންޑާ ކޮށްފައިވާ މަޝްރޫއުތަކަކީ ފުނަދޫ ސްކޫލް 15 ކްލާސްރޫމާއި ވޮލީކޯޓު ތަރައްގީ ކުރުމެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ށ އަދި ރ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ށ. ފުނަދޫ އަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ.