އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލައިސަންސް ހޯދުމަށްއެދި މިއަދު ހުށަހަޅައިފިއެވެ.

އެސްޓީއޯއިން ޑިޖިޓަލް ބޭންކިންގް ހިދުމަތާއި ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކެއްގައި ހިދުމަތްތައް އަވަސް ކަމާއެކު ފޯރުކޮށް ދެވޭނެ ކަމަށެވެ. އެކައުންޓު ހުޅުވުމާ އެހެނިހެން މުއާމަލާތްތައް ވެސް ތަނަކަށް ނުގޮސް އޮންލައިންކޮށް ކޮށްލެވޭނެ ކަމަށެވެ. އަދި ޑިޖިޓަލް ބޭންކިންގް މެދުވެރިކޮށް ލޯނަށް އެޕްލައިކޮށް އެކައުންޓަށް އެ ފައިސާ 60 ސިކުންތު ތެރޭގައި ޖަމާ ވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

"މީގާ އެކައުންޓު ހުޅުވާކަށްވެސް ނުޖެހޭ އެއްވެސް މީހެއް ކައިރިއަށް ދާކަށްވެސް ، އެންމެ ލަސްވެގެން ފަސްވަރަކަށް މިނެޓް ތެރޭގައި އަމިއްލައަށް ބޭންކް އެކައުންޓެއް ހުޅުވާލެވޭ"
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު

އިތުރަށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކިން ހިދުމަތް ބޭނުން ކުރާއިރު ކާޑު ގެއްލުނު ކަމުގައި ވިޔަސް އަމިއްލައަށް މެނޭޖް ކުރެވޭނެ ކަމަށާއި އަމިއްލައަށް އަލުން އެ ކާޑު އެކްޓިވޭޓް ކުރެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއަކީ ރާއްޖެއަށް ތެލާއި ބޭސް އެތެރެ ކުރާ މައި ކުންފުންޏެވެ. މި ކުންފުންޏަކީ ސަރުކާރުގެ އިތުރުން އާއްމު ހިއްސާދާރުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ.