މީީގެ 10 އަހަރު ކުރިން ވިލިމާލޭގައި ހަމަލާދީ އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އަބްދުﷲ ނަޒީފަށް މާފު ދޭން ވާރިސަކު ބޭނުންވެއްޖެއެވެ.
2011 ވަނަ އަހަރު ހަމަލާދީ ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާ މަރާލި މައްސާލާގައި ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފްގެ އިތުރުން ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު މެރުމަށް ކްރިމިނަލް ކޯޓުން އޮތީ ހުކުމް ކޮށްފައެވެ. އޭގެ ތެރެއިން ނަޒީފް މެރުމަށް ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓާފައެވެ. އެ މައްސަލަ ނަޒީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކުރުމުން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ހައިކޯޓުން ހުކުމް އިއްވި ފަހުން އެއް ވާރިސެއްގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ނަޒީފަށް މާފު ދޭން ބޭނުންވާ ކަން ހާމަކޮށްފައިވާ ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ވާރިސުގެ ފަރާތުން ލިބިފައިވާ ސިޓީގައި ވަނީ ނަޒީފް ކުށަށް އިއުތިރާފު ވެފައި ވާތީ މާފުކޮށްދިނުމަށް އެދުމުން މައާފު ދޭން ބޭނުންވާ ކަމަށެވެ. ހުރިހާ ވާރިސުން ކުރިން ވަނީ މަރަށް މަރުހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.
ފަސް ފަނޑިޔާރުންގެ ބެންޗުން ބައްލަވާ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، އެ މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އިއުލާން ކުރެއްވުުމަށް ފަހުއެވެ.
މިރުޒާގެ ވާރިސަކު މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނިއިރު، އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން މަރުވި މީހާގެ އެންމެ ވާރިސަކު ވެސް މަރަށް މަރު ހިފަން ބޭނުން ނުވެއްޖެ ނަމަ، ގާތިލަށް މަރުގެ އަދަބެއް ނުދެވޭނެއެވެ.