ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މަޝްވަރާ ކުރަން ޖެހޭ ސަބަބެއް އަދި ޝައުގެއް ވެސް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ ރައީސް ނަޝީދާއެކު އެއްވެސް ކަމެއްގައި މަޝްވަރާ ކުރުމުގެ ޝައުގުވެރި ކަމެއް އަދި މަޝްވަރާ ކުރަން ޖެހޭ ސަބަބެއްވެސް ޕީޕީއެމްގެ ނެތް ކަމަށެވެ.
އަދުރޭ މިފަދައިން ވިދާޅުވީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއަށް ފަހު މިއަދު ފުރަތަމަ ފަހަރަށް އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްއާއެކު ސިޔާސީ މަޝްވަރާ ކުރާނީ އިންޑިއާއަށް ބަދުބަސް ބުނުން ހުއްޓާލުމުން ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
މި ބައްދަލުވުމުގައި ޕީޕީއެމްއާއެކު ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އޯލް ޕާޓީ އެއްބަސްވުން ގިނަ ކަންކަމުގައި ހުންނަން ޖެހޭ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ހާރިޖީ ސިޔާސަތަށް މިއީ މުހިންމު ކަމެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެކަމާ ގުޅުވައިގެން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި އިންޑިއާ އާއި އެހެނިހެން ގައުމުތަކާ ގުޅުވައިގެން ބަދުބަސް ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަަމަށެވެ.
އިދިކޮޅު ޕީޕީއެމްގެ ޖަލްސާތަކުގައި އިންޑިއާއަށް ފާޑުކިޔާތީ މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިދިޔަ ހުކުުރު ދުވަހުގެ ރޭ އިދިކޮޅުން ބޭއްވި "އައްޑަނަ" ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ-228 މަރުކާގެ މަތިންދާ ބޯޓާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ މަސައްކަތަށް އިންޑިއާގެ އެފޮކޮންސް އިންފްރަސްޓްރަކްޗާ ކުންފުނިން އަންނަ މީހުންނަށް ސަމާލުވާން ޖެހޭ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.