ސ. ހުޅުމީދޫގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ ހަރުކަށި ފިޔަވަޅުތައް އަޅައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ހުޅުދޫ އަދި މީދޫ އަވަށް މޮނިޓަރިންއަށް ލުމާއެކު ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އަޅާފައިވާ ފިޔަވަޅުތައް:
- އާންމު އެއްވުންތަކާއި ޕާޓީތައް ބޭއްވުން މެދުކަނޑާލުން.
- ހުޅުދޫ އަދި މީދޫ ސްކޫލްތަކުގެ ގްރޭޑް 9 އަކުން މަތީގެ ގްރޭޑްތަކުގެ ކިޔެވުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް ގެންދިއުމާއި، ކުދިން އެއްކޮށްގެން ސްކޫލުގައްޔާއި، ސްކޫލުން ބޭރުގައި ހިންގާ ހަރަކާތްތައް މެދުކަނޑާލުން.
- އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް މެދުކަނޑާލުމާއެކު ސްކޫލް ކުުދިން ބައިވެރިކޮށްގެން ހިންގާ އެންމެހާ ހަރަކާތްތައް ހުއްޓާލުން.
- މިއަދު ފެށިގެން ކޮންމެ ދުވަހަކު ރޭ 09:00 އިން 04:00 ގެ ނިޔަލަށް، ކާފިއު ވަގުތު ކަމުގައި ހަމަޖައްސާ، އެ ވަގުތުތަކުގައި ބޭރަށް ނިކުތުން މަނާވުން. އަދި ކޮންމެހެން ބޭރަށް ދާންޖެހޭނަމަ، އެ އަވަށެއްގެ އެސްއެސްޑީއެއްގެ ހުއްދައާއެކު ބޭރަށް ދިއުން.
- ގާޑިޔާ، ހޮޓާ، ކެފޭ ރެސްޓޯރެންޓްފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ރޭގަނޑު 0900 ގެ ނިޔަލަށް ހުޅުވައިގެން ހިދުމަތް ދިނުމާއި، އަދި 12:00 އާ ހަމައަށް، ދެންނެވުނު ތަންތަނުން ޑެލިވަރީގެ ހިދުމަތް ދިނުން.
- ފިހާރަތަކުން ރޭގަނޑު 09:00ގެ ނިޔަލަށް ހުޅުވާގެން ހިދުމަތް ދިނުމާއި، އަދި 10:00 ގެ ނިޔަލަށް ޑެލިވަރީގެ ހިދުމަތް ދިނުން.
އޭގެ އިތުރުން، މިއަދުން ފެށިގެން ހުޅުދޫ އަދި މީދޫ އިން ފުރާ އެންމެންގެ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ފުރުމުގެ ހުއްދަ ދިނުމާއި، ޒަރޫރީ ބޭނުމަށް ދަތުރުކުރާ އެންމެހާ ފަރާތްތައް އަޅާފައިވާ އެންމެހާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޕީއޭއިން އަންގަވާފައިވާކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ. އަދި އެ ހާލަތުގައި އައްޑޫއިން ދަތުރުކުރުވޭނީ އީއޯސީގެ ހުއްދަ ލިބިގެންކަމަށް ވެސް އިއުލާނުގައި ބުނެއެވެ.
ހުޅުމީދޫ މޮނީޓަރިންއަށް ލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.