ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ-228 މަރުކާގެ މަތިންދާ ބޯޓާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭނުން ނުވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކުރިއަށް ގެންދާ "އައްޑަނަ" ޖަލްސާގައި ދެއްކެވި ވާހަކައިގައި އަދުރޭ ވަނީ ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރު ގެންދިއުމަށް އިންޑިއާއަށް ގޮވާލައްވާފައެވެ.

އޭގެ އިތުރުން "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައި އަޅަން ނިންމާފައިވާ ބްރިޖުގެ އެއްބަސްވުމުގައި އިންޑިއާގެ އެފޮކޮންސް އިންފްރަސްޓްރަކްޗާ ކުންފުންޏާއެކު ސޮއިކޮށްފައި ވާއިރު އަދުރޭ ވަނީ ބްރިޖްގެ މަސައްކަތަށް އަންނަ މީހުންނަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދުރޭ ވަނީ އެ މީހުން އައިސް ދިވެހިން ގެދޮރުން ނެރޭނެ ކަމަށާއި ދިވެހި އަންހެން ކުދިންގެ އިއްފަތް ފޭރޭނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

ރައީސް ސޯލިހް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާ އެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވާފައެވެ. އިންޑިއާގެ ސިފައިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދެއްގައި ތިބި އިރު އަސްކަރީ ގޮތުން އިންޑިއާގެ އެހީ މި ސަރުކާރުން ދަނީ ފުޅާދާއިރާއެއްގައި ބޭނުން ކުރަމުންނެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ޖަލްސާގައި ޕާޓީގެ މެންބަރުން ސަޕޯޓު ކުރަނީ

ކާނިވާ ސަަރަހައްދުގެ ޖަލްސާ ކުރާ މައިދާނުގައި ޖަހާފައި ހުރި ހުރިހާ ގޮނޑިއެއް ވަނީ ފުރިފައެވެ. ޖަލްސާގެ ބައެއް ބައިވެރިން ބުނި ގޮތުން މިރޭ 2000 އަށް ވުރެ މީހުން ދަނީ ބައިވެރިވަމުންނެވެ.

މިރޭ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުުރުމަށްވެސް ގޮވާލެއްވިއެވެ. ވަރަށް އަވަހަށް އިދިކޮޅުގެ މަގުމަތީ ހަރަކާތް ފައްޓަވާނެ ކަމުގެ އިޝާރާތްވެސް ވަނީ ކޮށްފައެވެ.

ޖަލްސާގައި ބައިވެރިވި އާންމުން ތިބީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެންނެވެ. އަދި މި ސަރުކާރުން ވެފައިވާ ބައެއް ވައުދުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ.

އިދިކޮޅުން ޖަލްސާއެއް މި ބާއްވަނީ މިފަދަ ޖަލްސާއެއް ނުބާއްވާތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ. ކޮވިޑު-19 ގެ ބަލިމަޑުކަމާއި ގުޅުވައި ސަރުކާރުން ވަނީ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިކޮށްފައެވެ.