އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން "އައްޑަނަ"ގެ ނަމުގައި އަންނަ ހުކުރު ދުވަހު ކާނިވަލުގައި ޖަލްސާއެއް ބާއްވާ ގޮތަށް ނިންމައިފިއެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާޙިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ 08:15 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އެޖަލްސާއަށް ދިވެހި ގައުމުދެކެ ލޯބިވާ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވާ ކަަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވަނީ އެ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށާއި ޖަލްސާ ކުރިއަށްދާނީ ގައިދުރުކަން އިސްކޮށްގެން ކަމަށް ވިދާޅުވެފައެވެ.

އެ ޖަލްސާ ބޭއްވުމުގެ އެންމެ މުހިއްމު އަމާޒަކީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލި ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ހިސާބަށް ތިލަކުރުން ކަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ.