އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 784 އަށް އަރައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އާ 12 ކޭސް ފެނިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 11 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށާއި އަނެއް ކޭސް ފެނިފައިވަނީ ފޭދޫ އިން ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 3 ޑައިރެކްޓް ކޮންޓެކްޓާ، ފަސް ރެންޑަމް ސާމްޕަލްއެއް އަދި ފުލޫ ކްލިނިކުން ހަތަރު މީހެއް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫއިން 784 ކޮވިޑް ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 612 މީހުން ވަނީ ރަނގަޅުވެފައެވެ. މިބަލީގައި އައްޑޫ އިން ތިން މީހަކު ވަނީ މަރުވެފައެވެ.

އެކްޓިވް ކެސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 169 ގައެވެ. އެގޮތުން އެންމެ ގިނަ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި އެކްޓިވް ކޭސް އުޅެނީ 92 ކޭސްއެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 37 ކޭސް، ފޭދޫގައި އެކްޓިވް 16 ކޭސް، ހިތަދޫގައި 23 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.