އެޗްޑީސީގެ ހުއްދައާއެކު މިހާރުން ފެށިގެން ހިޔާ ފްލެޓްތަކަށް މުދާ ވައްދާ ފިނިޝިން މަސައްކަތް ފެށޭނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ފޭސް 2 ގައި އިމާރަތްކޮށްފައިވާ ހިޔާ ފްލެޓް 16 ޓަވަރަކަށް އޮގަސްޓް 17، 2021 ވަނަ ދުވަހުން ފެށިގެން ކަރަންޓްގެ ހިދުމަތް ފޮރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް މިހާރުން ފެށިގެން އެޗްޑީސީގެ ހުއްދައާއެކު ފްލެޓުގައި ފިނިޝިން މަސައްކަތް ކުރުމާ ތަކެތި ވެއްދުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަން އިން ބުނެއެވެ.

އެޗްޑީސީން ވަނީ ފްލެޓްގައި ފިނިޝިން މަސައްކަތް ކުރެވޭނެ ވަކި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ފްލެޓްގައި ފިނިޝިން މަސައްކަތް ފެށޭނީ ހިޔާ ޕޯޓަލް މެދުވެރިކޮށް "ހިޔާ ފްލެޓް އެތެރޭގެ މަސައްކަތްތައް ނިންމުމަށް އެދި ހުށަހަޅާ ފޯމް" ހުށަހެޅުމުން ކަމަށް އެޗްޑީސީން ބުނެއެވެ.

"ހިޔާ ފްލެޓް އެތެރޭގެ މަސައްކަތްތައް ނިންމުމަށް އެދި ހުށަހަޅާ ފޯމް" ލިބެން ހުންނާނީ އެޗްޑީސީގެ ރިސެޕްޝަން އިން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 02:00 އަށް ކަމަށާ ފޯމް ހުށަހެޅުމާ ފޯމް ބަލައިގަތުން ހިޔާ ޕޯޓަލް މެދުވެރިކޮށް އަދި ރިސެޕްޝަނަށް ވަޑައިގެން ވެސް ހުށަހެޅޭނެކަމަށް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން އެ ކޯޕަރޭޝަންގެ މެއިލް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ "ހިޔާ ފްލެޓް އެތެރޭގެ މަސައްކަތްތައް ނިންމުމަށް އެދި ހުށަހަޅާ ފޯމް" ޕްރޮސެސް ވުމުން ފްލެޓްގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށެވެ. އަދި ހުއްދަ ލިބުމަށްފަހު އެ ލިބިފައިވާ ހުއްދައާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަންވާނީ "ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލު" އާއި އެއްގޮތަށް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން މަސައްކަތް ކުރުމަށް ލިބިފައިވާ ހުއްދައިގެ ކޮޕީ ނުވަތަ ކިއުއާރު ކޯޑް އެޕާޓްމަންޓް ދޮރުގައި ފެންނާނެ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްގައި ފިނިޝިން މަސައްކަތް ފަށާންވާނީ ހުއްދަ ލިބުމުންނެވެ. އަދި ހުއްދައާ ނުލާ މަސައްކަތް ފެށުމަކީ މަނާ ކަމެއް ކަމަށާ މިފަދަ ފަރާތްތަކާ މެދު އެގްރީމަންޓްގެ 16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން ފިޔަވަޅު އެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ހުއްދަ ލިބިގެން މަސައްކަތް ކުރިޔަށް ގެންދޭތޯ ބެލުމަށްޓަކައި އެ ކޯޕަރޭޝަންގެ މުވައްޒަފުން އެޕާޓްމަންޓަށް ޒިޔާރަތްކޮށް ބަލާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ދޫކުރި ހުއްދައާ ހިލާފަށް މަސައްކަތް ކުރާ ފަރާތްތަކާ މެދު ފިޔަޅު ވެސް އަޅާނެ ކަމަށެވެ.

އެ ކޯޕަރޭޝަން އިން ވަނީ ހިޔާފްލެޓްގައި ފިނިޝިން މަސައްކަތް ކުރާއިރު "ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލު" އާއި އެއްގޮތަށް މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ފްލެޓް އިމާރާތަކީ އެއް އިމާރާތެއް ކަމަށާ މަސައްކަތް ކުރުމުގައި ވާ އިހުމާލެއްގެ ސަބަބުން އިމާރާތުގެ ސްޓްރަކްޗާއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެތީ މަސައްކަތް ކުރުމުގައި ސަމާލުވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.