ޖިންސީ ނިޔަތެއް އޮވެގެން ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލި މައްސަލައިގައި ފިލްމީތަރި މުހައްމަދު ޖުމައްޔިލްގެ މައްޗަށް ކޮށްފައިވާ ދަުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ. މި މައްސަލަ ތާވަލު ކޮށްފައި ވަނީ މާދަމާ މެންދުރުފަހު 2 ޖަހާ އިރަށެވެ.

ޖިންސީ ނިޔަތެއް އޮވެގެން ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލި މައްސަލައިގައި ޖުމައްޔިލްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އޭޕްރިލް 1، 2021 ވަނަ ދުވަހުއެވެ.

ޖުމައްޔިލްގެ މައްޗަށް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

ޖުމައްޔިލް ޖިންސީ ނިޔަތެއް އޮވެގެން އަތްލި އަންހެން ކުއްޖާ ވަނީ އެ ވާހަކަތައް ވަރަށް ތަފްސީލުކޮށް އެި މީޑިއާ ޕްލެޓްފޯމްތަކުގައި ކިޔައިދީފައެވެ. އެގޮތުން އެކަން ހިނގީ 2016 ވަނަ އަހަރުގެ ޑިސެންބަރު ގައި ކަމަށާއި ނަމަވެސް އިއްޔެ ވީ ކަމެއް ފަދައިން އެ ހަނދާންތައް އަދިވެސް ހުރި ކަމަށް އެ ކުއްޖާ ބުނެފައިވެއެވެ.

އެ ކުއްޖާ އޭރު ކުރި ޓްވީޓަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދިޔައިރު ޕްރޮސެކިއުޓާ ޖެނަރަލް ޝަމީމް ޖަވާބު ދެއްވާ ވިދާޅުވީ، އެކަމާ ހިތާމަ ކުރައްވާ ކަމަށާއި، އެ މައްސަލަ ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށް ފަހު، ޕީޖީ އޮފީހުގެ ފަރާތުން ކުރެވޭނެ ކަންކަން ބަލައި އެ ކުއްޖާ އަށް އަންގާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އައިފިލްމްސްގެ ފިލްމް ތަކުންނާއި ޑާކްރެއިން އެންޓަޓެއިންމަންޓް އިން ޖުމައްޔިލް ވަނީ ވަކިކޮށްފައެވެ.