ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލްކޯޓުގައި މާދަމާ އަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މާދަމައަށް ތާވަލުކޮށްފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެވެ.

ކްރިމިނަލް ކޯޓް އިން ބުނެފައިވަނީ ޔާމީންގެ މައްޗަށް ކުރާ މި 2 ދައުވާގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 09:00 ގައި ކަމަށެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޮގަސްޓް 1، 2021 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ހެކީންގެ ގޮތުގައި ދައުލަތުން ކަނޑައަޅާފައިވަނީ ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަން ގްރޫޕުގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދެވެ.

އަދީބާއި ޒިޔަތު އަދި ސިޔާމު ހިމެނޭ ގޮތަށް ރައީސް ޔާމީނާ ދެކޮޅަށް 86 ހެއްކެއް ދައުލަތުން ވަނީ ހުށަހަޅާފަވެއެވެ.

ޔާމީންގެ މައްޗަށް ދައުވާ އުފުލީ، ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑާކުރައްފައި ވާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ.

މިއީ ޔާމީން ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައިގެން ދައުވާ އުފުލާފައިވާ ދެވަނަ މައްސަލައެވެ. މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1 މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާ ސާބިތުކޮށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނު ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ތަންފީޒު ކުރެއްވުމަސް ޔާމީން މިހާނު ހުންނެވީ އަމިއްލަ ގެކޮޅުގައެވެ.

މީގެ ކުރިން ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ވެސް އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި އަދީބާއި ޒިޔަތުގެ ނަން ހުށަހަޅައި، އެ ދެ ބޭފުޅުންގެ ހެކި ބަސް ނެގިއެވެ. އެ މައްސަލައިގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނެގި އިރު އެ ދެބޭފުޅުންނަކީ އެ މައްސަލައިގައި ދައުވާ އުފުލާފައި ތިބި ދެ ބޭފުޅުންނެވެ. އެހެންކަމުން އެ ދެބޭފުޅުން ހެކިބަސް ބައި ނުގަނެވޭނެ ކަމަށް ޔާމީނުގެ ވަކީލުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް، އެ ދެބޭފުޅުންގެ ހެކިބަސް ކޯޓުން ވަނީ ނަގާފައެވެ.

ޔާމީންގެ މައްޗަށް މިޙާރު އުފުލާފައި އޮތް ދެ ދައުވާއަށް ވެސް އިންކާރު ކުރާއިރު، ޔާމީން ރ. ފުއްގިރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ދައުލަތުން ބުނަ 1،118،000 ޑޮލަރާއި އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު ފައިސާ މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް ވެސް ދައުލަތުގެ ފަރާތުން ޝަރީއަތުގައި އެދިފައި ވެއެވެ. މި ކަމާ މެދު ޝަރީއަތުން ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމަކާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފަައެވެ.

މިދިޔަ އެޕްރީލް މަހު 29 ވަނަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައިވާއިރު ރައީސް ޔާމީން ވަގުތީ ގޮތުން ގެޔަށް ބަދަލުކޮށްފައި ވަނީ ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އާއި ގިނަ އަދަދެއްގެ ޖަލު އޮފިސަރުން ޕޮޒިޓިވް ވަމުން ދާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.