އެކިއެކި ސަބަބުތަކާހުރެ ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިނުކުރާ 2،646 ފަރާތް ވާކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.

އެޗްޑީސީން ބުނީ އޮގްސްޓް 18، 2021 ގެ ނިޔަލަށް ހިިޔާ ފްލެޓްގެ ހުރިހާ ޓަވަރެއްގެ ސޮއިކުރުން މަދުވެގެން އެއް ފަހަރު ބާއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެކި އެކި ސަބަބުތަކާހުރެ ބައެއްފަރާތްތަކުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން އައިސްފައިނުވާތީ އެފަރާތްތަކަށް އަލުން ފުރުސަތު ދިނުމަށް ހުޅުވާލާފައިވާކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މިގޮތުން ފްލެޓް އެއްބަސްވުމުގައި މިހާތަނަށް 4074 ފަރާތެއް ސޮއިކޮށްފައިވާއިރު 6720 ފަރާތުގެ ތެރެއިން 2،646 ފަރާތެއް ސޮއި ނުކުރާ ކަމަށް އެޗްޑީސީން ބުނެއެވެ. އެއީ އެއްބަސްވުމުގައި ސޮއިކުރަން އައުމުގެ ކުރިން ޕޯޓަލްއަށް އަޕްލޯޑްކުރާ މައުލޫމާތު ފޯމުގައި މައްސަލަ ދިމާވެގެންނާއި ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތައް ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މި ފަރާތްތަކަށް އަލުން އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުސަތު ދިނުމަށް ހުޅުވާލާފައިވަނީ މިއަދުއެވެ.

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ކުރެވިފައިވާ ގޮތް:

  • ޓަވަރު އެޗް4 އަދި ޓަވަރު އެޗް10 – 21 އޯގަސްޓް 2021 (ހޮނިހިރު)
  • ޓަވަރު އެޗް12 އަދި ޓަވަރު އެޗް5 – 22 އޯގަސްޓް 2021 (އާދީއްތަ)
  • ޓަވަރު އެޗް11 އަދި ޓަވަރު އެޗް14 – 23 އޯގަސްޓް 2021 (ހޯމަ)
  • ޓަވަރު އެޗް8 އަދި ޓަވަރު އެޗް6 – 24 އޯގަސްޓް 2021 (އަންގާރަ)
  • ޓަވަރު އެޗް2 އަދި ޓަވަރު އެޗް7 – 25 އޯގަސްޓް 2021 (ބުދަ)
  • ޓަވަރު އެޗް1 އަދި ޓަވަރު އެޗް3 – 26 އޯގަސްޓް 2021 (ބުރާސްފަތި)
  • ޓަވަރު އެޗް9 އަދި ތަވަރު އެޗް13 – 28 އޯގަސްޓް 2021 (ހޮނިހިރު)
  • ޓަވަރު އެޗް16 އަދި ޓަވަރު އެޗް15 – 29 އޯގަސްޓް 2021 (އާދީއްތަ)

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ފަށައިފައިވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުސަތުދިނުމަށް ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލްގެ ޒަރީއާއިން އެ ކޯޕަރޭޝަން އަށް މައުލޫމާތު ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ކަށަވަރު ކުރުމަށް ފަހު ސޮއިކުރަން ތާވަލުކޮށް އެ ކޯޕަރޭޝަނުން އިއުލާން ކުރާ ފަރާތްތަކަށެވެ.

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ދާއިރު ހެކިވެރިޔަކު ގެންދިއުމަށާއި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް ގެންދިއުމަށް އެޗްޑީސީއިން ވަނީ އެދިފައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ފްލެޓުގެ އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުން ހެކިވެރިއަކު ގެންދިއުން، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ.
  • ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދީފައި ވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާ އެކު ހާޒިރުވުން.
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރު ވާއިރު، ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކްޕެޑް" އަމިއްލައަށް ގެންދިއުން.
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި.

އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސުކޫލުގެ ހޯލްގައެވެ.