ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސި ހިޔާނާތުގެ މައްސަލައިގައި އިތުރު ހެކި ހޯދުމަށް މަސައްކަތް ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ ދާދިފަހުން ކުލަބްހައުސްގައި ކުރިޔަށް ދިޔަ ޕްރޮގްރާމެއްގައި މަހުލޫފާ ދެކޮޅަށް ދައުލަތުން ހެކި އުފައްދަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު އޭނާ ކުރެއްވާފައި ވަނިކޮށެވެ.

ފުލުހުން މިރޭ ބުނެފައިވަނީ މަހުލޫފުގެ މައްޗަށް ތުހުމަތު ކޮށޤފައިވާ މައްސަލައިގައި އިތުރު ހެކި ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާކަމަށެވެ. ނަމަވެސް ޕީޖީގެ އެދުމގެ މަތިން ތަހުގީގުގައި ކުރިން ވެސް ހޯދާފައި ހުރި ބައެއް ހެކިތަކާ ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދޭން ޕީޖީއިން އެދިފައިވާ ކަމަށާ އެކަންކަން ކުރިޔަށް ގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މަހުލޫފުގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ގޮތެއް ނުނިންމާ އޮންނަތާ 2 މަސް ވެފައިވާއިރު ޕީޖީން ބުނަނީ މި މައްސަލައިގައި ގޮތެއް ނުނިންމި މިވަނީ ތަހުގީގު ކުރުމަށް ބޭނުންވާ ބައެއް މައުލޫމާތު ނެތުމުން ކަމަށެވެ.

ދާދިފަހުން ކުލަބްހައުސްގައި މަހުލޫފު ދެއްކެވި ވާހަކައަށާއި ސޯޝަލް މީޑިއާތެރޭގައި މަހުލޫފު ދައްކަވާ ވާހަކައަށް ރިއާޔަތްކޮށް ޕީޖީން ބުނެފައިވަނީ މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުން ދިގުލައިގެން ދިޔަސް މަހްލޫފް ވީތީ ތަފާތެއް ނުކުރާނެ ކަމަށެވެ. އަދި މައްސަލަތަކުގައި ދައުވާ ކުރުމާމެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެއްކާ ގަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއް ކަމަށް ވެސް ލޕީޖީއިން ބުނެފައި ވެއެވެ.

ޕީޖީ އޮފީހުން ބުނީ ތުހުމަތުކުރެވޭ ފަރާތުން އެ އޮފީހަށް ނިސްބަތްކޮށް ކުރާ ތުހުމަތުތަކަކީ މައްސަލައިގެ ތުހުމަތުކުރެވޭ މީހެއްގެ ހައިސިއްޔަތުން އެފަރާތެއް ދެކޭގޮތް ކަމަށް ވެދާނެ ކަމަށާއި އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

ޕީޖީ އޮފީހުން ވަނީ ގާނޫނާ ހިލާފަށް އެއްވެސް މީހަކާމެދު އަމަލު ނުކުރާނެކަމަށް ބުނެފައެވެ.