ޖަޕާނުގެ ސަރުކާރުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް 41،133 ޑޮލަރު (634،270 ރުފިޔާ) ގެ ތަކެތި މިއަދު ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ބުނީ އެ ގައުމުގެ ސަރުކާރުގެ ފަރާތުން އެ ސާމާނު ހަދިޔާ ކުރީ ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަނުގައި އެކަމަށްޓަކައި ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ސާމާނު ހަދިޔާ ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީއެވެ.

އެ ގައުމުގެ ފަރާތުން ހަދިޔާކުރީ ވިޝަން ސްކްރީނަކާއި ހިއަރިން ސްކްރީނެކެވެ. އިވުމާއި ފެނުމުގެ މައްސަލަތައް ހުރި ނަމަ އެ ސާމާނުގެ އެހީގައި އަވަހަށް ދެނެގަނެވި އެފަދަ މައްސަލަތަކަށް ފަރުވާކުރަން ފަށާނެއެވެ. އެގޮތުން އުމުރުން ހަ މަހުން މަތީގެ ކުދިންނަށް މި އެހީގެ ދަށުން ލޮލުގެ ސްކްރީނިން ކުރިއަށް ގެންދެވޭނެއެވެ. އަދި ކުއްޖާގެ އިވުމުގެ މައްސަލައެއް ހުރިތޯ އެންމެ ތުއްތު އިރުން ފެށިގެން ބެލޭނެއެވެ.

އެ އެމްބަސީން ބުނިގޮތުގައި މި ސާމާނު ބޭނުންކުރުމުގެ ހާއްސަ ތަމްރީނު ވެސް އޯޓިޒަމް އެސޯސިއޭޝަނުގެ މުވައްޒަފުންނަށް ވަނީ ދީފައެވެ.

މި ސާމާނު ހަދިޔާކުރީ ޖަޕާނުގެ ސަފީރާއި އޯޓިޒަމް އެސޯސިއޭޝަންގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޑރ. އިސްމާއިލް ޝަފީއުއާ ދެ ބޭފުޅުން ޑިސެމްބަރު 12، 2019 ގައި ސޮއިކުރައްވާފައިވާ ހިލޭ އެހީގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އޯޓިޒަމް އެސޯސިއޭޝަނަށް ޖަޕާނުން މި އެހީވީ، އެ ގައުމުގެ އެމްބަސީން އެކި ފެންވަރުގައި މީހުން ބާރުވެރި ކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިންނެވެ. ޖަޕާނުން އަންނަނީ 1996 އިން ފެށިގެން ތައުލީމާއި ތިމާވެށި އަދި ސިއްހީ ދާއިރާ އާއި ދަތުރުފަތުރާ ގުޅޭ ދާއިރާތަކުން އެކި ގޮތްގޮތުން ރާއްޖެ އަށް އެހީ ފޯރުކޮށްދެމުންނެވެ.