ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްފައިވާ މަސް ރާއްޖޭގައި ވިއްކަމުން ދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އެދިއްޖެއެވެ.

އެމްއެފްޑީއޭ އިން ބުނީ ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބައެއް ބާވަތްތައް އޭގެ ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ލޭބަލްގައި އެ މައުލޫމާތު ނުހިމަނާ ވިއްކަމުން ދާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީން ނެގި ސާންޕަލް އަކުން އެކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ކާބަން މޮނޮކްސައިޑް ޓްރީޓްމަންޓް ދިނުމުން ކަނޑުމަހުގެ ބާވަތްތަކަށް ގެނެސްދޭ ތާޒާ ރަތްކުލައަކީ ރޯ މަހުގެ ތާޒާކަން ގެއްލުނަސް އެކުލަ ބަދަލުނުވާ ކުލައެއް ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ. އަދި ރޯމަހުގެ ކުލައަކީ އޭގެ ތާޒާކަން ބެލުމަށް ބަލާ އެއްމިންގަނޑު ކަމުން ކާބަން މޮނޮކްސައިޑުން ޓްރީޓް ކުރުމަކީ މަހުގެ އަސްލު ކުލަ ފޮރުވި ގަންނަފަރާތަށް އޭގެ ތާޒާކަން އޮޅޭނެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އަދި މިފަދަ އުފެއްދުން ވިއްކަން ހުރިނަމަ ނުވަތަ ޝައްކުވާނަމަ އެ އޮތޯރިޓީގެ ވައިބާ ނަންބަރު 7603204 އަށް ފޮޓޯއާއެކު މައުލޫމާތު ހިއްސާ ކުރުމަށް އެ އޮތީރިޓީއިން ވަނީ އެދިފައިއެވެ. ނަމަވެސް އެ މަސް ވިއްކަން ހުރި ތަނެއް އެ އޮތޯރިޓީން ހާމައެއް ނުކުރިއެވެ.