އެމްބެސެޑަރު ބްރޭންޑްގެ ގޯލްޑްވިޕިން އެންޑް ކުކިން ގެ އުފެއްދުންތައް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީން މިހާތަނަށް ހޯދި ހޯދުމުން "އެތިވީން އޮކްސައިޑް" އިން ތަޣައްޔަރު ވުމުގެ ފުރުސަތު އޮތް އެމްބެސެޑަރު ބްރޭންޑްގެ ވެޖިޓަބަލް ކްރީމް އަކީ އެ ބްރޭންޑްގެ ގޯލްޑް ވިޕިން އެންޑް ކުކިންގް ކްރީމްގެ ނަންބަރު L21090 ލޮޓުގެ އުފެއްދުމެއް ކަމަށެވެ. އަދި އެ އުފެއްދުމުގެ މުއްދަތު ހަމަވާ ތާރީހަކީ މާޗު 26، 2022 ކަން ވަނީ ކަށަވަރުވެފައި ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެއެވެ.

އެ ބްރޭންޑްގެ ގޯލްޑް ވިޕިން އެންޑް ކުކިންގް ކްރީމްގެ ނަންބަރު L21090 ލޮޓުގެ އުފެއްދުންތައް ފިޔަވައި އެހެން އުފެއްދުންތައް ބޭނުން ކުރުން އެންމެ ރަނގަޅު ކަމުގައި އެމްއެފްޑީއޭ ވަނީ ބަޔާންކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެމްބެސެޑަރު ބްރޭންޑްގެ ވެޖިޓަބަލް ކްރީމް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މީގެ ކުރިން އެމްއެފްޑީއޭ ވަނީ އިލްތިމާސް ކޮށްފައެވެ.