އައްޑޫ ސިޓީން ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 100އިން މައްޗަށް އަރައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އާ 4 ކޭސް ފެނިފައިވާ ކަމަށެވެ.

އެގޮތުން އޭގެ ތެރެއިން 2 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށާއި އަނެއް ދެ ކޭސް ފެނިފައިވަނީ މަރަދޫފޭދޫން ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫއިން 665 ކޮވިޑް ކޭސްފެނިފައިވާއިރު އޭގެ ތެރެއިން 562 މީހުން ވަނީ ރަނގަޅުވެފައެވެ. މިބަލީގައި އައްޑޫ އިން ދެ މީހަކު ވަނީ މަރުވެފައެވެ.

އެކްޓިވް ކެސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 101 ގައެވެ. އެގޮތުން އެންމެ ގިނަ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި އެކްޓިވް ކޭސް އުޅެނީ 79 ކޭސްއެވެ.

އޭގެ އިތުރުން މަރަދޫފޭދޫގައި 11 ކޭސް، ފޭދޫގައި އެކްޓިވް ހަ ކޭސް، އަދި ހިތަދޫގައި ފަސް ކޭސް، އެބައުޅެއެވެ.