ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވީ، ރައީސް ބޭނުންފުޅު ވެއްޖެނަމަ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ދުރުކުރެވޭނެ ވާހަކަ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ އެހެން ވިދާޅުވީ، މިދޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިވަގުތު މަޖިލީހުގެ މެޖޯރިޓީ ރައީސް ސޯލިހަށް އޮތް ކަމަށް އެމަނިކުފާނު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރޭ "ދިވެހި ޗެނަލް" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ބޮންޑޭ ވިދާޅުވީ ރައީސަށް މެޖޯރިޓީ އޮތް ކަމަށް ވިދާޅުވުމުން އެ ދެވެނީ ވަރަށް ވެސް އެހެން ކަހަލަ މެސެޖެއް ކަމަށެވެ.

މިހާރު އެ އޮތް ގޮތުން އެ ބުނަނީ، ތިމަންނަ ބޭނުން ވެއްޖިއްޔާ މިހާރު ޕާލިމެންޓް ސްޕީކަރ، މަޖިލިސް ރައީސްކަންވެސް ތިމަންނައަށް ނެގިދާނޭ. މަޖިލިސް ރައީސްވެސް ވަކި ކުރެވިދާނޭ. އެކަހަލަ މެސެޖެއް އިންޑައިރެކްޓްކޮށް އެދެވެނީ
އިބްރާހިމް ރަޝީދު (ބޮންޑޭ)

ބޮންޑޭ އިތުރަށް ވިދާޅުވީ ރައީސްގެ އެ ވާހަކަފުޅުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ ސިފަ ގެއްލޭ ކަމަށާއި އެގޮތަށް ބުނުމަކީ ޑިމޮކްރަސީގެ އުސޫލުތަކަށް ބުރޫއަރާނެ ކަމެއް ކަމަށެވެ.

ރައީސްގެ ވިސްނުންފުޅު މިކަމުގައި ގޯސް ކަން ފާހަގަކުރައްވާ ބޮންޑޭ ވިދާޅުވީ ހުރިހާ ބާރެއްވެސް އޮންނާނީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އަދި އެމްޑީޕީގެ ބާރުތައް އޮންނާނީ އެމްޑީޕީގެ މެންބަރުންގެ އަތުގައި ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ރައީސް އެފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވަނީ ރައީސްގެ އެޑްވައިޒަރުންގެ ސަބަބުން ކަމަށާއި އެޑްވައިޒަރުން ރައީސްއަށް ހިޔާލީ ފޮލާ ދައްކާ ކަމަށެވެ.