ނަފްރަތުގެ ބިލާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްކެވި ވާހަކަފުޅުތަކަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒާއި ޝެއިހު އަލީ ޒައިދު، ތައުރީފު ކުރައްވާފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނަފްރަތުގެ ބިލު މަޖިލީހަށް ފޮނުވުމަށް ފަހު، އެ ބިލަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގެންނެވި ކަމަށާއި ގެންނަން ޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހެޅުއްވި ކަމަށެވެ.
އަދި ސަރުކާރުން އެ ބިލް ފޮނުވި ގޮތަށް ބިލް ފާސް ކުރުމަކީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެ ބިލަށް ގެންނަން ޖެހޭ އިސްލާހުތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ދެެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޝެއިހު ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ ވާހަކަފުޅަށް 100 ޕަސަންޓް ތާއިދު ކަމަށެވެ. އަދި ސަރުކާރުން ފޮނުވިއަސް އިސްލާހު ކުރަން ޖެހޭނަމަ އެކަން ގަބޫލުކޮށް އިސްލާހު ކުރަން ޖެހޭ ކަމަށާއި އެއީ ބަދަލު ގެނެވޭނެ އެއްޗެއް ކަމަށެވެ.
ޒައިދު ވަނީ އިސްލާމިކް މިނިސްޓްރީ އިން ނަފްރަތު ބިލަށް ހުށަހެޅި އިސްލާހުތަކާ އެކު ބިލް އަވަހަށް ފާސްކޮށްދިނުމަށް ގޮވާލައްވާފައެވެ.
ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މީހަކު ކުރާ ކަމެއްގައިވެސް އިސްލާހު ކުރަން ޖެހޭ ކަންތައް ހުރެދާނެކަން ގަބޫލު ކުރަން ވާނެ ކަމަށެވެ. ތިމާ އާ ހިޔާލު ތަފާތުވާ މީހުންގެ ވާހަކަތައް އަޑުއަހާ އޭގައިވެސް ރަނގަޅު ވާހަކައެއް ހުރިނަމަ ބަލައިގަތުމުގެ ކުޅަދާނަކަން ހުންނަންވާނެ ކަމަށް ވެސް ޑރ. އިޔާޒު ވަނީ ވިދާޅުވެފައެވެ. ލީޑަރުންގެ ސިފައަކީ އެއީ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.
އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެބިލަށް އިސްލާމިކް މިނިސްޓްރީން ވަނީ 3 އިސްލާހެއް ހުށަހަޅާފައެވެ. އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުން ލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާ، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާ ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސް އެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާ، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެއެވެ.