ހިޔާފްލެޓްގެ ފިނިޝިން މަސައްކަތް ކުރަން ހުޅުވާލުމުގެ ކުރިން ފްލެޓަށް ވަދެ އެ މަސައްކަތް ފެށި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ފްލެޓާ ހަވާލުވެފައިވާ ފަރާތްތަކުން ފްލެޓަށް ކަރަންޓް ލާ ނިމުމުގެ ކުރިން އަދި ރަސްމީކޮށް އެންގުމުގެ ކުރިން އެތަނުގައި މަސައްކަތް ފެށުމަކީ ގަވާއިދާ ހިލާފުވުން ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފެންމަތިވެފައިވާ ކަމަށާ އެ މައްސަލަ އެ ކޯޕަރޭޝަން އިން ބަލަމުންދާކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ނިންމާފައިވަނީ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ނިންމުމަށްފަހު އަދި ފްލެޓްތަކަށް ކަރަންޓު ލާ ނިމުމުން މިމަހުގެ 18 ވަނަ ދުވަހު ފިނިޝިން މަސައްކަތް ކުރަން ފެށުމުގެ ފުރުސަތު ދިނުމަށް ހުޅުވާލުމަށެވެ.

ނަމަވެސް އިއްޔެގެ ވަގުތެއްގައި އެއް ފްލެޓްގައި މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާ އެ ކޒނަ ހުއްޓުވާ ތަހުގީގުކުރަމުންދާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑީސީން އިތުރަށް ބުނީ މިފަދަ އިތުރު މައްސަލައެއް ކުރިމަތި ވިޔަ ނުދިނުމަށް މަސައްކަތް ކުރާކަމަށެވެ. އަދި މިފަދަ މައްސަލަތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ފިނިށިން މަސައްކަތް ކުރުމަށް އެޗްޑީސީން ވަނީ 3 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައެވެ. އަދި އެ 3 މަސްދުވަހުގެ ތެރޭގައި ފްލެޓަށް ދައްކަންޖެހޭ ކުލި އަދިއެއްވެސް ފީއެއް ނުނެގުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.