ދިިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް" ހދ.ކުޅުދުއްފުއްޓަށީ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

"ގާލްސް ޓު ކޯޑް" ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ 14 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ވެބް ޑިވެލޮޕްމަންޓް ނުވަތަ ކޯޑު ކުރުމަށް ޝައުގުވެރިކަން ހުންނަ އަންހެން ކުދިންނަށެވެ.

މި ޕްރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ހިމެނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ހުންނާކަށް ނުޖެހޭނެއެވެ.

ދެ މަސް ދުވަހުގެ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ.

ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށްޓަކައި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުގައި ފެށި ޓްރެއިނިން ސީރީސްއެކެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލަކުގައެވެ. އަދި މިޕްރޮގްރާމްއަށް ލިބުނު ތަރުހީބުގެ ސަބަބުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ވަނީ މި ސީރީސްގެ 2 ވަނަ ޕްރޮގްރާމް ގދ.ތިނަދޫގައިވެސް ކުރިއަށް ގެންގޮސްފައެވެ.

ކުޅުދުއްފުށިން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން މި ލިންކަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅުއްވާށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޮގަސްޓް 15، 2021އެވެ.