ސަރުކާރުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އިން ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ ފުލުހުންގެ އިދާރާ އިސްލާހު ކުރުމަށް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީގެ ސިޔާސީ ނުފޫޒުން އެ މުއައްސަސާގެ ޕްރޮފެޝަނަލް އިސް މަގާމުތަކުގައި ތިއްބެވި އޮފިސަރުންތަކެއް ވަކިކުރަން ނިންމި ނިންމުމަކީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފުލުހުންނާ ސިފައިންނަށް ނުފޫޒު ފޯރުވުމަށް ހިނަގަމުންދާ ޖަރީމާތަކަށް ކޮންމެ ފަހަރަކުވެސް އެމްޑީޕީއިން ވެރިކަމަށް އައުމުން ބޮޅެއް އިތުރުވާކަމަށް ރައްޔިތުން ސިފަކުރާ ކަމަށް ވެސް ޕީޕީއެމް ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

ދާދިފަހުން ފުލުހުންގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑަކީ އެމްޑިޕީން ބޭޏުންވާ ގޮތައް ކަން ކުރާނެ ބަޔަކު ހިމަނައިގެން އެކުލަވާލައިފައިވާ ބޯޑެއްކަމަށް އެ ކޯލިޝަނުން ބުނެއެވެ.

އަދި 2008 ވަނަ އަހަރު އެމްޑީޕީއިން ވެރިކަމަށް އައުމަށްފަހު ވެސް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާ އެ މުއައްސަސާ ސިޔާސީކުރުމަށް ކުރި މަސައްކަތް ކާމިޔާބުނުވެ ރައްޔިތުންނަށް ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ރައްޔިތުންނަށް އަނިޔާކޮށް ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކޮށްފައިވާކަމަށް އެ ނޫސްބަޔާނުގައި ވެއެވެ.

ޕީޕީއެމް އިން ބުނީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ވެރިކަން ކުރަން ނޭންގުމުން ކަމަށެވެ. އަދި މި މަސައްކަތަކީ އޭރުގައި އިސްތިއުފާ ދިން ދިނުން ފުލުހުންނާއި ސިފައިންނާ މަތިކޮށް ބަދަލު ހިފުމަށް ކުރަމުންގެންދާ މަސައްކަތެއްގެ ގޮތުގައި ޕީޕީއެމް އިން ވަނީ ސިފަކޮށްފައެވެ.

ފުލުހުންގެ މުއައްސަސާއާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ، އެ މުއައްސަސާގެ އިސް ވެރިންތަކެއް ވަކިކުރަންޖެހޭކަމަށާ، އެ މުއައްސަސާގެ އިސް އޮފިސަރުންތަކަކާމެދު ބަދަލު ހިއްޕެވުމުގެ ރޫހު ހުރިކަން ދޭހަވާ މޭރުމަކުން މަޖިލީހުގެ ޖަލްސާތަކުގައި ވެސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާކަން އެނގެން އެބަހުރި
ޕީޕީއެމް/ ޕީއެންސީ ކޯލިޝަން

ޕީޕީއެމް ކޯލިޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުނެނވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ޅިޔަނެއްކަމަށާ، އެ ބޭފުޅާ ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމުގައި ބަހައްޓަވައިގެން ކުރަމުންދާ މަސައްކަތަކީ ބަދަލު ހިފުން ކަމަށެވެ.

ފުލުހުންނާ ސިފައިންނަކީ ގައުމު ހަމަ މަގަށް އެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މުއައްސަސާތައް ކަމަށާ އެ މުއައްސަސާތައް ސިޔާސީ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލމަށް ޕީޕީއެމް ކޯލިޝަނުން ވަނީ ރައީސް ސޯލިހަށާ ރައީސް ނަޝީދަށް ގޮވާލައްވާފައެވެ. އަދި ފުލުހުންގެ ބޯޑުގެ އެ ނިންމުންވެސް ސިޔާސީ ނުފޫޒުން އެއްކިބާވެ އަލުން މުރާޖާ ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.