އެމްބެސެޑަރު ބްރޭންޑްގެ ވެޖިޓަބަލް ކްރީމް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ ވަނީ އިލްތިމާސް ކޮށްފައެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ލޯކަސްޓް ބީން ގަމް" އަކީ އެމްބެސަޑާ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް އުފެއްދުމުގައި ބޭނުންކޮށްފައި ވާ އިންގްރީޑިއަންޓް އެއް ކަމަށެވެ. އަދި މި އިންގްރީޑިއަންޓް "އެތިލީން އޮކްސައިޑް" ކިޔާ ކެމިކަލް އަކުން ތަޣައްޔަރު ވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެެފްއެފް) އިން ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް އަންގާފައެވެ.

އެމްބެސަޑާ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް، ދިވެހިރާއްޖެއަށް އެތެރެވެފައި ވާތީ މިއެލާޓާ ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ގެ މިންވަރު ބެލުމުގެ މަސައްކަތް އެމްއެފްޑީއޭ އިން ކުރަމުން ގެންދާކަމަށް އެ އޮތޯރިޓީއިން ނެރުނު ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.