މުޝީ ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓް، އަދި ސިލިކޯން ސްނެކް ކަޕް ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ (އެފްޑީއޭ) އިން އަންގައިފިއެވެ.

އެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެތަކެއްޗަކީ ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭ އެއްޗެހިތަކެއް ކަމަށެވެ.

އަދި ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މުޝީ ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓް' އަދި ސިލިކޯން ސްނެކް ކަޕް، ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑްއިން އެއޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

އެ އެލާޓާއި ގުޅިގެން އެއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެފްޑީއޭއިން ބުނެއެވެ.

ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެފްޑީއޭއިން ވަކި ގޮތެއް އަންގަންދެން މުޝީ ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓް' އަދި ސިލިކޯން ސްނެކް ކަޕް ނުވިއްކުމަށާ ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް އެފްޑީއޭ އިން ވަނީ އަންގާފައެވެ.