ސެޕްޓެމްބަރު 1 ގެ ފަހުން ސްކޫލުތަކަށް ވަދެވޭނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ވަނީ ސުކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފެށިގެން ސުކޫލުތަކަށް ވަދެވޭނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މިއީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމަށްށާ ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ އެންމެން ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަކަށް ފުރިހަމަކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެޑިއުކޭޝަނުން ބުނީ ވެކްސިން ނުޖަހަނީސް ސްކޫލުތަކަށް ނުވަދެވޭ ފަރާތްތަކުގެ ތެރޭގައި ދަރިވަރުން ނުހިމެނޭ ކަމަށެވެ.

ރާއްޖޭގެ ވެކްސިން ނުޖަހާ އާބާދީއަށް ވެކްސިން ޖެހޭވަރަށް ވެކްސިން ލިބިފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިއުލާނު ކޮށްފައެވެ. އަދި ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ވެސް ވަނީ ފަށާފައެވެ. މި ޕްރޮގްރާމުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 90 ޕަސަންޓު މީހުން އޮގަސްޓްމަސް ނިމުމުގެ ކުރިން ވެކްސިންޖަހާ ފުރިހަމަކުރުމެވެ.