ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނި ށ. ފީވަކާއި މ. ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފީވަކު ކައުންސިލް މެންބަރު އައިމިނަތު ރީމާ ވިދާޅުވީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 3 މީހަކު ޕޮޒިޓިވް ވެގެން ކަމަށެވެ.

ކޮޅުފުށި މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އަލާމަތްތައް ހުރެގެން ނެގި ސާމްޕަލްތަކެއް ޕޮޒިޓިވް ވެގެން ކަމަށް އެރަށު ކައުންސިލްގެ މެންބަރު ސަބާނާ އަބްދުލް ސައްތާރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އެގޮތުން 16 މީހަކު އެރަށުން ޕޮޒިޓިވްވެފައިވާއިރު އެއީ 6 ގެއަކުން ކަމަށް ސަބާނާ ވިދާޅުވިއެވެ.

މިހާރު ކޮންތެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދެ ރަށާއެކު ޖުމްލަ 12 ރަށެއް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

އެއީ ޏ، ފުވައްމުލައް، އއ. ތޮއްޑޫ، ރ. ދުވާފަރު، ގއ. ކޫއްޑޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ، އއ. ރަސްދޫ، ހދ. ހުޅުދުއްފުށި، ހދ. ދިއްދޫ، މ. ކޮޅުފުށި އަދި ށ. ފީވަކެވެ.