3.5 ޓަނުގެ ޕީޕީއީ އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިތަކެތި ސްރިލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ހަވާލުކޮށްދެއްވާފައިވަނީ އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު ޑޭވިޑް ހޯލީ އަދި އޮސްޓްރޭލިއާގެ ޑިފެންސް އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް ޕައުލް ކޫނީ (ވޮރެންޓް އޮފިސާ1)އެވެ. އަދި ރާއްޖެއިން މި އެހީއާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ސްރިލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުލް ރައްޒާކެވެ.

ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވީ ދިފާއީ ގޮތުން ރާއްޖެއާ އޮސްޓްރޭލިއާއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާ އަދި ދެގައުމަށް ވެސް ކޮވިޑުގެ 3 ވަނަ ރާޅު ކުރިމަތިވީ އެއްކޮށް ކަމަށެވެ.

އޮސްޓްރޭލިއާގެ ވޮރެންޓް އޮފިސަރު ކޫނީ ވިދާޅުވީ ކޮވިޑްގެ ދަނޑިވަޅުގައި ރާއްޖޭގެ ދިފާއީ ބާރަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އަދި ހާއްސަކޮށް ރާއްޖޭގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާ ސާމާނު ހަދިޔާކޮށްދިނުމަށް އޮސްޓްރޭލިއާގެ ޑިފެންސް ޑިޕާޓްމަންޓް އިން ތައްޔާރަށް އޮތް ކަމަށެވެ.

ރާއްޖެއިން ސްރިލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ވަނީ އޮސްޓްރޭލިއާއިން ދިން އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.

މި އެހީގައި 8،500 ހައި ކުއަލިޓީގެ ޕީޕީއީ، 137،500 މެޑިކަލް އަންގި އަދި 30،000 މެޑިކަލް ފޭސް މާސްކް ހިމެނެއެވެ. އަދި މި އެހީގެ އަދަދު 1.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ވެސް އޮސްޓްރޭލިއާއިން ބުނެއެވެ.

އޮސްޓްރޭލިއާއިން މީގެ ކުރިން ވެސް ވަނީ ރާއްޖެއަށް އެހީ ދީފައެވެ. މިގޮތުން ކޮވިޑް ހާލަތުގައި ރާއްޖެއަށް އޮސްޓްރޭލިއާއިން ދިން އެހީގެ އަދަދު 9 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް އެ ގައުމުން ބުނެއެވެ.