މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ އެމްއެންޕީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މަޖިލިސް މެންބަރުންނާއެކު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް ވެސް އެހެން ގައުމަކަށް ނުދެއްވާނެ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ޕާަޓީގެ ޕޮލިސީގެ ގޮތުގައި "މޯލްޑިވްސް ފަސްޓް" ކަނޑައަޅާނެ ކަމަށާއި އެއާއެކު ރާއްޖޭގައި ހަދާފައި ހުރި އެއްވެސް އެގްރިމެންޓެއް އެ ޕޮލިސީއާ ތައާރަޒުވާނަމަ ދިވެހިންނަށް އެންމެ ރަނގަޅު ގޮތަށް ބަދަލުކޮށް ނުވަތަ އެގޮތަށް އެކަން ނުވެއްޖެނަމަ އެގްރިމަންޓް ބާތިލު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން މި ޕާޓީގެ ސިޔާސަތަކީ މަގުމައްޗަށް ނުކުމެ ހަޅޭއްލަވާ މީހުންނަށް ފުރައްސާރަކޮށް ޑިޕްލޮމެޓިކް މިޝަންތަކާ ދެކޮޅަށް އަޑުގަދަ ކޮށް ފުރައްސާރަ ކުރުން ކަމަށް އަޅުގަނޑުމެން އެއަށްވުރެ މާބޮޑަށް ޑިޕްލޮމަސީ ބޭނުން ކުރަން ބޭނުން. އެ ޑިޕްލޮމަސީގެ ތެރެއިން އިރާދަކުރެއްވިއްޔާ ދިވެހިން ބޭނުންވާ ކަންކަން ކުރާނަން،"
މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

މިއަދުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވަނީ 2023 ގެ ރިޔާސީ އިންތިހާބަށް ނުކުންނަވަން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށްވެސް ވިދާޅުވެއްޖެއެވެ.

ނާޒިމާއެކު އެމްއެންޕީގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭ4) ހިމެނެއެވެ.