މިއަދުގެ މެންދުރު ފަހު 3 އިން 6 އަކަށް ކަރަންޓް ކެނޑުމުގެ ފުރުސަތު އޮތް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ހުޅުމާލެއާއި މާލޭގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގައި މިހާރު މިވަނީ އެންމެ ފަހު މަރުހަލާގައެވެ.

ސްޓެލްކޯއިން މިއަދު ބުނީ ގްރޭޓާ މާލެ ގްރިޑް ޓެސްޓް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރެއިން މިއަދު ހަވީރު 15:00 އާއި 18:00 އާ ދެމެދު މާލެއާއި، ހުޅުމާލެއިން ކަރަންޓް ކެނޑުމުގެ ފުރުސަތު އޮތް ކަމަށެވެ.

ސްޓެލްކޯއިން މިދިޔަ އާދީއްތަ ދުވަހު މާލެއާ ހުޅުމާލޭގެ އިންޖީނުގެ އެއް ވިއުގައަކުން ވަނީ ގުޅާލާފައެވެ. އެހެންކަމުން މިހާރު ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ކަރަންޓް ފޯރުކޮށްދެވޭނެއެވެ.

ގްރޭޓާމާލެ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލާ މަޝްއޫއެކެވެ. އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ