ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރަނީ އެސެސްމެންޓެއް ހެދުމަށްފަހު ކަމަށް ޖެންޑާ މިނިސްޓްރީން އިން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރަމަށް އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދުގައެވެ. އެމިނިސްޓްރީން ވަނީ މި ގަވައިދު އެކުލަވާލާ ސަރުކާރުގެ ގެޒެޓްގައި ޝާއިރުކޮށްފައެވެ.

މި ގަވާއިދުގެ ދަށުން ކުދިން އާއިލާއާ ހަވާލުކުރުމަށް އެ ކުދިންގެ އާއިލާ ހޯދައި، އެ ކުދިންނާ ހަވާލުވާން އާއިލާއިން ތައްޔާރަށް ތިބި ފަރާތްތަކުގެ އެސެސްމެންޓެއް ހަދަންޖެހެއެވެ. އަދި އާއިލާގެ ތެރެއިން ކުދިންނާ ހަވާލުވާން ތައްޔާރަށް ތިބި ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައަޅާނީ އެކަމަށް ހާއްސަ ކޮމިޓީއަކުންނެވެ.

މިކަމަށް ހާއްސަކޮށް އުފައްދާ ކޮމިޓީގައި ތިބެނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ކޭސް މެނޭޖުމެންޓުގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އިސް މުވައްޒަފަކާއި، އެ އިދާރާގެ ގާނޫނީ ވަކީލަކާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ސައިކޮލޮޖިސްޓެއްގެ އިތުރަށް ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި މަސައްކަތްކުރާ ސިވިލސް ސާވިސް މުވައްޒަފުންގެ ތެރެއިން އިސް މުވައްޒަފެކެވެ. އަދި މިނިސްޓްރީ އޮފް ޖެންޑާގެ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސޯޝަލް ސާވިސް ޑިޕާޓުމެންޓުގެ ސިވިލް ސާވިސް މުވައްޒަފެއްވެސް ކޮމިޓީގައި ހިމެނޭނެއެވެ.

އެ ކޮމިޓީގެ މެންބަރުންނަކީ ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ އަދި ނަފުސާނީ އަނިޔާއެއް ކުރިމަަށް ނުވަތަ ކުއްޖަކަށް އިހުމާލުވި ކަމަށް ނުވަތަ އެފަދަ ކަމަކަށް އެއްވެސް ގޮތަކުން އެހީތެރިވި ކަމުގައި ނުވަތަ އެއިން ކަމެއްގައި ބައިވެރިވި ކަމުގައި ތުހުމަތުވެފައިވާ މީހަކަށް ވެގެންނުވާނެ ކަމަށް އެގަވައިދުގައި ބުނެފައިވެއެވެ. އަދި އެއިން މީހަކާ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް ކުއްޖަކާ އާއިލީ ގުޅުމެއް އޮވެގެންނުވާނެ ކަމަށް ވެސް އެލިޔުމުގައިވެއެވެ.

ވިލިމާލޭ ހުންނަ ކުޑަކުދިންގެ ހިޔާ / ފޮޓޯ: ގޫގުލް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އާއިލާއާ ހަވާލުކުރާއިރު އެ ކުދިންނާ ހަވާލުވާ ފަރާތަކީ އުމުރުން 20 އަހަރާއި 70 އަހަރާ ދެމެދުގެ މީހެއް ކަމުގައި ވާންޖެހެއެވެ. އަދި އެ މީހަކީ ހަވާލުކުރެވޭ ކުއްޖާ ބެލެހެއްޓުމަށް އެކަށީގެންވާ އާމްދަނީއެއް ލިބޭ މީހެއް ކަމުގައިވުންވެސް ލާޒިމެވެ.

އޭގެ އިތުރަށް އެ މީހަކީ ނަފުސާނީ އަދި އިޖުތިމާއީ ގޮތުން ދުޅަހެޔޮ މީހެއް ކަމުގައިވުން ލާޒިމު ކަމަށާއި، ޗައިލްޑް އެންޑް ފެމިލީ ސާވިސްއިން ތައްޔާރުކުރާ އެސެސްމެންޓުން ކުއްޖާ ބެލޭވަރުގެ ގާބިލުކަން ހުރި މީހެއްކަން އެނގެންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އަދި އެ މީހަކީ ކުއްޖަކަށް ޖިންސީ، ނަފުސާނީ އަދި ޖިސްމާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވިކަން ޝަރީއަތަށް ސާބިތުވެފައިވާ، ނުވަތަ އެފަދަ ތުހުމަތެއްގައި ތަހުގީގެއް ހިންގަމުންދާ މީހެއް ކަމުގައި ނުވަތަ އެއިން ކަމެއްގައި ދައުވާ އުފުލާފައިވާ މީހެއް ކަމުގައިނުވުން ހިމެނެއެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއްގެ ރެކޯޑު ފާއިތުވި 10 އަހަރުގެ ތެރޭގައި އެއްވެސް އިދާރާއެއްގައި އޮތް މީހަކު ކަމުގައި ނުވުމަކީވެސް ކުދިންނާ ހަވާލުވާ ފަރާތްތަކުގެ ޝަރުތެކެވެ.

އަދި ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ބޮޑު ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވަތަ އެއިން އެއްވެސް ކުށެއްގެ ތުހުމަތެއް ކުރެވި ދައުލަތުގެ އިދާރާއެއްގައި ރެކޯޑު އޮތް މީހަކަށް ވެގެންނުވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ. ނަމަވެސް މިކަންކަމަށް އަމަލުކުރުމުގައި ކުއްޖާގެ މައިންބަފައިންނާ ހަވާލުކުރާ ހާލަތުގައި މިކަންކަމަށް ލުއިދެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އަދި ކުއްޖާއާ ހަވާލުވާ މީހަކީ ކުއްޖާގެ މައިންބަފައިން ނުވަތަ މަންމައާއި ބައްޕަގެ ތެރެއިން އެކަކު ކަމުގައިވުން، ނުވަތަ ކުއްޖާގެ ޝަރުއީ ބަލަދުވެރިއެއް ކަމުގައިވުން ނުވަތަ ކުއްޖާގެ ހަސާނަތު ހައްގުވާ މީހެއް ކަމުގައިވުން ނުވަތަ އާއިލީ އެހެން ގުޅުމެއް ކުއްޖާއާ އޮންނަ މީހެއް ކަމުގައިވުމަކީވެސް ކުއްޖާއާ ހަވާލުވާ ފަރާތުގެ ޝަރުތެކެވެ.