އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ނަފްރަތުގެ ބިލު ފާސްކުރުމުން ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެފިއެވެ.

އެމްޑީޕީގެ މައިގަނޑު އަސާސްތައް ދިފާއުކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން ބާރުއެޅުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާ ގޮވައިލެއްވުމަށް ޕާޓީގެ އަންހެނުންގެ ރޫހުން ވަނީ ތާއީދުކޮށްފައެވެ.

މިކަމަށް ތާއީދުކޮށް އަންހެނުންގެ ރޫހުން ބުނެފައިވައިވަނީ އެ ޕާޓީއަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަމަށާ އެމްޑީޕީ އުފެދުނީއްސުރެން ވެސް އެ ޕާޓީ އިން ވަކާލާތު ކުރަމުން އަންނަ އެންމެ މުހިންމު އަސާސްތަކަކީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހަމަހަމަކަން ގާއިމްކޮށް ދިރިހުރުމުގެ ހައްގު ކަށަވަރުކޮށް އަނިޔާވެރިކަން ނައްތާލުން ކަމަށެވެ.

މިގޮތުން 2018 ވަނަ އަހަރާ 2019 ވަނަ އަހަރުގެ އިންތިހާބުތަކުގައި އެމްޑީޕީ އިން ވީ އެންމެ މުހިންމު އެއް ވައުދަކީ ގޮތް ނޭނގޭ ގޮތަށް ގެއްލުވާލައިފައިވާ މީހުންނާ މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމާ އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ބުނެއެވެ.

މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްގެން ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ގާނޫނި ކުށަކަށް ހަދައިގެން ކަމަށް ގަބޫލުކުރާކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެއެވެ.

އެ ޕާޓީގެ އަންހެނުންގެ ރޫހުން ބުނީ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ އާއި ޔާމީން ރަޝީދު އަދި ޑރ އަފްރާޝިމް އަލީ އަނިޔާވެރި ގޮތަކަށް މަރާލުމާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާ އާ ހަމައަށް ކަންކަން ދިޔައީ ވަރަށް ރޭވުންތެރިކަމާއެކުގައި ބަޔަކު އެމީހުންގެ ބޮލުގައި ވަކި [ލޭބަލް] ތަކެއް އަޅުވައި އެމީހުންނާއިމެދު މުޖުތަމައުގައި ނަފްރަތު އުފައްދައިގެން ކަން ސާފުކޮށް ފެންނަން އެބަ އޮތް ކަމަށެވެ.

އެމްޑީޕީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށް ބުނެ އަންހެނުންގެ ރޫހުން ބުނެފައިވަނީ އިސްލާމްދީނާ ހިލާފަށް ކުރާ އެއްވެސް ކަމަކަށް އެމްޑީޕީއިން ތާއީދު ނުކުރާނެ ކަމަށެވެ. އަދި ގާނުން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކަށް ފުށުނާރާ ގޮތައްކަން އެ ޕާޓީ އިން އަބަދު ވެސް ގަބޫލުކުރާ ކަމަށާ ގައުމު ނުރައްކަލަކަށް ވައްޓާލުމަށް ޖާގަދެވިގެން ނުވާނެކަމަށް އަންހެނުންގެ ރޫހުން ބުނެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނެ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން ސަރުކާރުން މަޖިލީހަށް ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެ ޕާޓީ އިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެ ޕާޓީގެ އަސާސްތަކާ ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށެވެ.

އަދި ރާއްޖެ އަކީ އަމާން ވެއްޓެއް ގާއިމުވެފައިވާ ތަނަކަށް ހެދުމަށް ޓަކައި ވަގުތީ ސިޔާސީ މަންފާއަށް ވުރެ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށް ޕާޓީ އިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ ގޮވާލާފައެވެ.