ދިރާގާއި ސެމްސަންގެ ގުޅިގެން ހެލްތު މިނިސްޓްރީ އާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް 60 ގެލެކްސީ ޓެބު ހަދިޔާކޮށްފިއެވެ.
ޓެބްތައް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަހުމަދު ނަސީމްގެ އިތުރުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު އާއި ލަންކާ ސެމްސަންގެ އެމްޑީ ކެވިން ސުންސޫ ޔޫ ބައިވެރިވެޑައިގެންނެވިއެވެ.
ދިރާގުން ބުނީ މިއީ ކޮވިޑް-19އާ ގުޅިގެން ކުރިއަށްގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އެ ކުންފުނިން ސަރުކާރަށް ހަދިޔާކުރި ޓެބުތަކެއް ކަމަށެވެ. އަދި ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގައި ވެސް ޓެބުތައް އެހީއަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހެލްތު މިނިސްޓަރު ނަސީމް ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ދިރާގާއި ސެމްސަންގް ގުޅިގެން ވަމުން އަންނަ އެހީއަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ވަނީ ކޮވިޑްގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މި އެހީގެ ސަބަބުން ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭން ކޮވިޑް-19 ފެނުނު ފަހުން ދިރާގުން ވަނީ އެކި ގޮތްގޮތުން ސަރުކާރަށާއި އަމިއްލަ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ އެހީތައް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.