ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ހއ. އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި އުތީމު ރައްޔިތުން އަދާކުރަމުންދާ ދައުރާއި، އެކަމަށް ދޭ އަހައްމިއްޔަތުގެ އަގު ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުން އަރުވާ ޝަރަފެއް ކަމަށެވެ.

އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުން ތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ މިކަމުގެ އަގު ވަޒަން ކުރުމަށް މި ހާއްސަ ޝަރަފު އެރުވުން އޮންނާނީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުންވެސް އޮންނާނެ ކަމަށެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 3 ބޭފުޅަކަށް ލިބިވަޑައިގަންނަވާ ކަމަށާއި، އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ އެ ބޭފުޅެއްގެ ހަނދާނަށް ކަމުގައިވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ބޭފުޅަކަށާއި ކުންފުންޏަކަށް ކަމަށް ވަނީ ބުނެފައެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖެއް އަދި ހަނދާނީ ލިޔުމެއް ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ގައުމީ ދުވަހަކީ ހިޖުރައިން 981 ވަނަ އަހަރު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމާއި އެ ދުވަހު ދިވެހި ބަތަލު ބޮޑު ތަކުރުފާނާއި އެ ތަކުރުފާނުގެ ޓީމް ކުރެއްވި ޖިހާދާއި މަސައްކަތް ހަނދާން އާ ކުރުމުގެ ގޮތުން ފާހަގަ ކުރާ މުހިންމު ދުވަހެކެވެ.