ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުގެ އެގްރިުމަންޓުތަކުގައި ސޮއިކުރަން މިއަދު ފަށައިފިއެވެ.

ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ހެނދުނުން ފެށިގެން މެންދުރު ބާރަ ޖެހުމާއި ހަމައަށް ވަނީ ހުޅުވާލައިފައެވެ. އަދި ފްލެޓު އެގްރިމަންޓުތަކުގައި މިއަދު ޖުމްލަ 118 ފަރާތަކުން ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމަށް ތާވަލު ކޮށްފައިވަނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު، ފޯމު ނަންބަރު: HF1 (ފުލެޓު ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯމު) އަދި ފޯމު ނަންބަރު: HF2 (ފުލެޓުގެ ވެރިފަރާތުގެބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުން) ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން އެއްބަސްވުމުގައި ސޮއި ކުރަން ހާޒިރުވާ ފަރާތްތަކުން ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަން ޖެހޭނެ އެވެ. ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީ ވެސް ގެންދަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ
  • ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒިރުވުން
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކްޕެޑް" އަމިއްލައަށް ގެނައުމަކީ އެދެވިގެންވާ ކަމެއް
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށްވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި

އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ހުރަވީ ސްކޫލު ހޯލްގައި ކަމަށެވެ. އެޗްޑީސީން ވަނީ ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑި އަދި ތާވަލު ވެސް ހިއްސާކޮށްފައެވެ.