ކުރިން ތަހްގީގު ނިމިފައިވާ މައްސަލައެއް އަލުން ބަލަން ފެށުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތާމެދު ކަންބޮޑުވުން ފާޅު ކުރާ ކަމަށާއި އެއީ ސިޔާސީ ނުފޫޒުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ޖުލައި 9 އަދި 11 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގާ، އެންމެހާ ބަޔާން ތަކުގައި ސޮއި ކޮށް ތަހުގީގު މުޅިން ނިމިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ވުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑު ވާ މައްސަލައެއް ކަމަށެވެ.

އެ މައްސަލަ ކުރިއަށް ގެންދާ ގޮތާއިމެދު ރައީސް ޔާމީން ގެ ފަރާތްޕުޅުން އެކަން ސާފުކޮށްދިނުމަށް އެދި ސުވާލު ކުރުމުން ވެސް އެކަމަށް އިޖާބަ ދިނުމެއް ނެތި މަޖުބޫރުން ތަހުގީގު ނިމިފައިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތަކީ، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ބުނީ އެފަދައިން ތަހުގީގު ނިމި ބަޔާން ތައް ނަގާ، ބަޔާންތަކުގައި ސޮއިކޮށް ނިމިފައިވާ މައްސަލަތައް އިރުއިރުކޮޅާ ނަގާ ތަހުގީގުތައް ތަކުރާރު ކުރާނަމަ، އެއްވެސް މައްސަލައެއްގެ ތުހުމަތުގައި ހުންނަ ފަރާތެއްގެ ތަހުގީގު ނިމޭނެ ދުވަހެއް އަންނާނެކަމަށް ނުބެލެވޭ ކަމަށެވެ.

ރައީސް ޔާމީން ގެ މައްސަލައިގެ ތަހުގީގުއް އަލުން ފަށާފަވަނީ، ސަރުކާރާއި މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވެ، ރައްޔިތުންގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވަމުންދާ މިދަނޑިވަޅުގައި، ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށް އިދިކޮޅުން ބުނެއެވެ.

ހަމައެއާއެކު އެ މައްސަލައިގެ ތެރެއަށް އިތުރު ކަންކަން ވައްދާ، އެމަނިކުފާނަށް ދެމުން ގެންދާ ނުޙައްގު އަނިޔާ ތަކުރާރު ކުރުމުގެ ބޭނުމަކީ، ސަރުކާރު ނިސްބަތްވާ ޕާޓީ ކުދިން ރުއްސުމަށް ހިންގާ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ރައްޔިތުން ވެސް އެކަން ސިފަ ކުރަމުންދާ ކަން އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ފުލުހުންގެ މުއައްސަސާއިން ސިޔާސީ ނުފޫޒުތަކަށް ތަބާވުމެއް ނެތި، ގާނޫނު ތަކާއި ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތަށް، ގާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ އަދި ރައީސުލްޖުމްހޫރިއްޔާ އާއި ސިޔާސީ ފަރާތްތަކުން ވެސް ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލާ ރައީސް ޔާމީނަށް ދެމުން ގެންދާ އަނިޔާ ހުއްޓާލުމަށް ވެސް އިދިކޮޅުން ގޮވާލިއެވެ.