6,720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ޖުލައި 14، 2021 އިން އޮގަސްޓް 15، 2021 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓަވަރު ތަރުތީބުން ސޮއިކުރުން ކުރިއަށް ގެންދަން ހަމަޖެހިފައިވީނަމަވެސް، އެ ޓަވަރުތަކުން ފުލެޓުލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކުރެވޭނީ، އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު، ފޯމު ނަންބަރު: HFI (ފުލެޓު ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފޯމު) އަދި ފޯމު ނަންބަރު: HF2 (ފުލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުން) ފުރިހަމަކޮށް، އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެންގި ތާރީހުން ފެށިގެން އެއްބަސްވުމުގައި ސޮއިކުރަން ތާވަލު ކުރެވުނު ނަމަވެސް ފުލެޓުތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަދި ނިމިފާ ނުވާ ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދައްކަން ފަށާ މުއްދަތު އަދި " ގްރޭސް ޕީރިއަޑް" ގެ 3 މަސް ގުނަން ފެށޭނީ ފުލެޓަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދެވުމުން ކަމަށެވެ. އަދި ކަރަންޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް ޓަވަރުތަކުގެ ލިފްޓް ބޭނުން ކުރުމަކީ އެންމެ ރައްކާތެރިކަމަކަށް ނުވާނެތީ، ފުލެޓު ބޭނުންކުރުން ހުޅުވާލެވޭނީ ޓަވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ފަހު ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ގުރުއަތުން ލިބިފައިވާ ފްލެޓް ބަދަލު ކުރެވޭނީ އެއްފަރާތަކާއިއެކު ކަމަށް އެ ކޯޕަރޭޝަނުން އިއުލާން ކޮށްފައިވީނަމަވެސް، އިތުރު ފަރާތްތަކަކާއި އެކު ފްލެޓް ބަދަލުކުރުމަށް އެދި ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.

އެހެން ކަމުން ގިނަ ފަރާތްތަކަކާއި އެކު ފްލެޓް ބަދަލު ކުރުމަކީ އިދާރީ ގޮތުން ބަލަންޖެހޭ ގިނަ ކަންކަން ހިމެނޭ އަދި އެއްވެސް އޮޅުމެއްނެތި ކުރިއަށް ގެންދަންޖެހޭ ކަމަކަށްވެފާ، އެކަން ކަށަވަރު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވާނެކަމަކަށް ވާނެތީ، މި ކަމުގެ ސަބަބުން ތާވަލާއި އެއްގޮތަށް ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށްފެންނާތީ، ފްލެޓު ބަދަލު ކުރުމުގެ ފުރުސަތު މިވަގުތު ދެވެން އޮތީ ކުރިން ވެސް ނިންމާފައިވާ ގޮތަށް އެއްފަރާތަކާއި އެކު ކަމަށް އެޗްޑީސީން ބުނެއެވެ.

ނަމަވެސް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ފުލެޓު އެހެންފަރާތަކާއި އެކު ބަދަލު ކުރެވޭނެ އުސޫލު އިއުލާނު ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އިތުރަށް ބުނީ ގުރުއަތުން ލިބޭ ފުލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން، އިއުލާނާއެކު ޝާއިއުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކުރުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކުރިއަށްގެންދާތީ، އެ ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރެވޭނީ، މައުލޫމާތު ކަށަވަރުކުރުމުގެ މަރުހަލާ ނިމުމުން ކަމަށެވެ.

އެހެން ކަމުން އެއްބަސްވުން ތައްޔާރުކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު އެކޯޕަރޭޝަނަށް ލިބިފައިވާ ފަރާތްތައް ސޮއިކުރުމަށް ހާޒިރުވާންޖެހޭ ގަޑި ފަހުން އިއުލާން ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.