ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖެހުން ކުރިޔަށް ގެންދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފެބްރުއަރީ 2021 ގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ޖުލައި 4، 2021 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެ އޭޖެންސީއިން ގުޅަމުންދާނެ ކަމަށެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެންކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެޕޮއިންޓްމަންޓް ލިބޭ ފަރާތްތަކުން ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ވަޑައިގެންދެއްވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދެއެވެ. އަދި ވެކްސިންދޭން ހަމަޖެހިފައިވަނީ ވެސް ހަމައެކަނި އެޕޮއިންންޓްމަންޓް ހައްދައިގެން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ވެކްސިން ޖަހަންދާއިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާ، ވެކްސިން ކާޑް ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަޔަށް ދޫ ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލައިގެން ވެކްސިންޖަހަން ދިއުމަށާ، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ދިއުމަށާ ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިޔުމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ކަރަންޓީނުގައި ހުރި މީހަކަށް ނުވުމާ ބަލީގެ އެއްވެސް އަލާމާތެއް ހުރެގެން ނުވާނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި 90،000 އަށްވުރެ ގިނަ ފަރާތްތަކުން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް 2 ވަނަ ޑޯޒް ޖަހާފައެއް ނުވެއެވެ.