ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަ؛ލް ފަހު މެޗުގައި އިންގްލޭންޑާ ޔޫކްރެއިން ވާދަކުރި މެޗު 4-0 އަކުން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ.
އިޓަލީގެ ރޯމްގައި ކުޅުނު މިމެޗުގެ ލީޑު އިންގްލޭންޑުން ނެގީ މެޗުގެ 4 ވަނަ މިނެޓްގައެވެ. މި ގޮތުން 1-0 އަކަށް ސްކޯ ހަދާ ދިން ލަނޑު ކާމިޔާބުކޮށް ދިނީ އިންގްލޭންޑްގެ ތަޖުރިބާކާރު ފޯވަޑް އަދި ކެޕްޓަން ހެރީ ކޭންއެވެ. މިއީ މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފްގައި އިންގްލޭންޑް ކުރީގައި އޮވެގެން ނިމުމުނު އިރު ދެވަނަ ހާފް ފެށި ތަނާހެން އިންގްލޭންޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. މިގޮތުން، އިންގްލޭންޑަށް ލިބުނު ހިލޭ ޖެހުމެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން އިންގްލޭންޑްގެ ދެވަނަ ލަނޑު ޖެހީ ޑިފެންޑަރު ހެރީ މެގުއާޔާއެވެ.
ޔޫކްރެއިންއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ނުއުފެއްދިގެން އުޅެނިކޮށް މެޗުގައި ހެރީ ކޭން ޖެހި ދެވަނަ ލަނޑާއެކު އިންގްލޭންޑުން ސްކޯ 3-0 އަކަށް ހެދިއެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 50 ވަނަ މިނެޓްގައެވެ.
މެޗުގެ ސްކޯ 4-0 އަކަށް ހެދީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ޖޯޑަން ހެންޑާސަންއެވެ. ލިވަޕޫލްގެ ކެޕްޓަން ހެންޑާސަން މިލަނޑު ޖެހީ މޭސަން މައުންޓް ނެގި ކޯނަރަކުންނެވެ.
ސެމީގައި އިންގްލޭންޑް ވާދަކުރަން ޖެހޭނީ ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގައި ޗެކް ރިޕަބްލިކް ބަލިކުރި ޑެންމާކާއެވެ. މިމެޗު އޮންނާނީ މިހަފްތާގެ ބުދަ ދުވަހު އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.