ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް އިންގްލޭންޑް ދަތުރުކޮށްފިއެވެ. މިއީ 55 އަހަރަށް ފަހު ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގެ ފައިނަލަށް އިންގްލޭންޑް ދަތުރުކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

އިންގްލޭންޑް ފައިނަލަށް ދިޔައީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޑެންމާކް 2-1 އަކުން ބަލިކޮށްގެންނެވެ.

ލަންޑަންގެ ވެމްބްލީގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޑެންމާކުންނެވެ. މެޗުގެ 30 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ސީދާ ހިލޭ ޖެހުމަކުން މިކެއިލް ޑެމްސްގާޑްއެވެ.

ޑެމްސްގާޑްގެ ލަނޑަކީ ޔޫރޯ 2020ގައި ސީދާ ހިލޭ ޖެހުމަކީ ކާމިޔާބުކުރި ފުރަތަމަ ލަނޑު/ ފޮޓޯ: ޔޫރޯ ޓުވިޓާ 2020

މިއީ މިމުބާރާތުގައި ސީދާ ހިލޭ ޖެހުމަކުން ގޯލެއް ޖެހި ފުރަތަމަ ފަހަރެވެ. އަދި މިއީ މިމުބާރާތުގައި އިންގްލޭންޑްގެ ކޮޅަށް ވަތް ފުރަތަމަ ލަނޑެވެ.

ފުރަތަމަ ހާފްގައި ވެސް އިންގްލޭންޑުގެ ފަރާތުން ހަމަލާތައް ފެނިގެން ދިޔަ އިރު މެޗުގެ 39 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯ ހަމަހަމަކޮށްފައެވެ. މިލަނޑަކީ ޑެންމާކްގެ ކެޕްޓަން ސިމޯން ކާޔޭގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އިންގްލޭންޑްގެ ފުރަތަމަ ލަނޑަކީ ޑެންމާކްގެ ކެޕްޓަން އަތުން ބައިކޮޅަށް ވަތް ލަނޑެއް/ ފޮޓޯ: ޔޫރޯ ޓުވިޓާ 2020

މެޗުގެ ދެވަނަ ހާފްގައި އިންގްލޭންޑުން ޑެންމާކްގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރި އިރު މެޗުގެ ލީޑު ނަގަން ކެޕްޓަން ހެރީ ކޭންއަށާ ޑިފެންޑަރު ހެރީ މެގުއާޔާއަށް ޗާންސްތައް ލިބުނެވެ. އެހެން ނަމަވެސް ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ގިނަ ހަމަލާތައް ހުޝިޔާރު ކަމާއެކު ހިފަހައްޓާފައެވެ.

ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މިމެޗުގައި މުހިންމު ސޭވްތަކެއް ކޮށްފައި/ ފޮޓޯ: ޔޫރޯ ޓުވިޓާ 2020

މެޗުގެ ރެގިއުލާ ޓައިމްގައި ސްކޯ 1-1 ގައި އޮތުމުން އިތުރު ވަގުތުގެ ގޮތުގައި 30 މިނެޓް ކުޅުނެވެ. އަދި އިންގްލޭންޑުން ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގީ ވެސް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިރީސް މިނިސްޓްގެ ތެރޭގައެވެ.

މިގޮތުން މެޗުގެ 103 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް ކެޕްޓަން ހެރީ ކޭން ގޯލަށް ފޮނުވާލި އިރު ޝްމައިކަލް ޕެނަލްޓީ ސޭވްކުރިއެވެ. އެހެން ނަމަވެސް ދެން ކޭން ފޮނުވާލި ޝޮޓް ޑެންމާކްގެ ކީޕަރަށް ސޭވްއެއް ނުކުރެވުނެވެ.

ކޭން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ / ފޮޓޯ: ޔޫރޯ ޓުވިޓާ 2020

1-2 ގެ ސްކޯ އަކުން މެޗު ނިމުނު އިރު އަންނަ އާދިއްތަ ދުވަހު ލަންޑަންގެ ވެމްބްލީގައި އޮންނަ ފައިނަލްގައި އިޓަލީއާ ވާދަކުރާނީ އިންގްލޭންޑެވެ.

ޑެންމާކްގެ ކުޅުންތެރިން ދެއްކި ހިތްވަރުގަދަ ކުޅުމަށް ތައުރީފް ހައްޤު/ ފޮޓޯ: ޔޫރޯ ޓުވިޓާ 2020

މިމެޗުން ބަލިވި ނަމަވެސް މުބާރާތުގައި ޑެންމާކުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފާ ލޯބި އެޓީމަށް މިވަނީ ލިބިފައެވެ. ހާއްސަކޮށް މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމުގެ މުހިންމު އެއް ކުޅުންތެރިއެއް ކަމަށްވާ ކްރިސްޓިއަން އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުމުން އަވަސް ފަރުވާއަށް ފަހު މިހާރު ރަނގަޅުވަމުން އަންނަ އިރު ޓީމުން އެރިކްސަން ވަކިވާން ޖެހުން އެއީ ޑެންމާކްގެ ޓީމަށް ލިބުނު ހިތާމައެއްގެ ބަދަލުގައި ލިބުނު އިތުރު ހިތްވަރެއްގެ ކަން އެޓީމުން ވަނީ މުބާރާތުގައި ސާބިތުކޮށްދީފައެވެ.