2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިލާން ޖެހުނު ކޮވިޑް ބަލިމަޑުކަމުގެ ސަބަބުުން އެންމެ ބޮޑަށް އަސަރު ކުރި އެއް ކަމަކީ ކުޅިވަރެވެ. ހާއްސަކޮށް ގިނަ ބަޔަކު އެއްވެގެން ބާއްވާ ކުޅިވަރުގެ ބޮޑެތި މުބާރާތް ތަކަށް 2020 ވަނަ އަހަރު ޖާގަ ނެތް އިރު 2021 ވަނަ އަހަރު ވީ ލަސްވި ހުރިިހާ މުބާރާތްތަކެއް އޮތް އަހަރަކަށެވެ. އަދި ކޮވިޑްގެ ވެކްސިނާއެކު، ބަލި ފެތުރޭ މިންވަރު ދަށްވުމުން ގިނަ މުބާރާތްތައް ކުރިއަށް ގެންދިޔައީ ކުޅިވަރަށް ކެތްމަދުވެފައި ތިބި ސަޕޯޓަރުންގެ ކުރިމަތީގައެވެ. މިގޮތުން 2021 ވަނަ އަހަރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތަށެވެ.
2020 ވަނަ އަހަރު ބޭއްވުމަށް ރޭވި ޔޫރޯ 2020 ފުޓްބޯޅަ މުބާރާތް ފަސްކުރަން ޖެހުނީ ޔޫރަޕްގައި ކޮވިޑް ހަލުވިކަމާއެކު ފެތުރުމުންނެވެ. އެއް އަހަރެއްހާ ދުވަހަށް މުބާރާތް ފަސްކުރި އިރު ޔޫރަޕިއަން ފުޓްބޯލް ފެޑްރޭޝަން ޔޫއެފްއާއިން ވަނީ ވިލާތުގެ 11 ގައުމެއްގައި މިމުބާރާތުގެ މެޗުތައް ކުޅެން ނިންމާ އުސޫލަށް ބަދަލު ގެނެސްފައެވެ. ކޮވިޑްގެ ނުރައްކަލުން ސަލާމަތްވުމަށް ގެނައި މިބަދަލާއެކު މިފަހަރުގެ މުބާރާތް ވެގެންދިޔައީ ތާރީހުގައި ވެސް މިހާ ގިނަ ގައުމެއްގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށް ދިޔަ ފުރަތަމަ ފަހަރަށެވެ.
ޑެންމާކްގެ އެރިކްސަންއަށް ލިބުނު އަނިޔާއާއި ޓީމުން ދެއްކި ހިތްވަރު
ޔޫރޯ 2020 އޭ ބުނުމުން މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމަށް ވުރެ ގިނަ ބަޔަކު ހަނދާން ހުންނާނީ ޑެންމާކްގެ ތަރި ކްރިސްޓިއަން އެރިކްސަންގެ ނަމެވެ. ސަބަބެއް ނެތި އެއްވެސް ނޫނެވެ. މުބާރާތުގައި ޑެންމާކުން ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އެރިކްސަން ދަނޑު މައްޗަށް ވެއްޓޭ ގޮތް ގިނަ ބަޔަކު އަދި ވެސް ހަނދާން ހުންނާނެއެވެ. އެއްވެސް ކުޅުންތެރިއަކު ކައިރީގައިި ނެތި އެރިކްސަން ދަނޑު މައްޗަށް ވެއްޓުނީ އޭނާގެ ހިތް ހުއްޓިގެން ކަން ފަހުން ޑެންމާކު ޓީމުން ހާމަކުރިއެވެ.
ދެން އައި މުޅި ވިލާތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ނޭވާ ހިފަހައްޓާލައިގެން ތިބި ވަގުތުކޮޅެކެވެ. ވެގެން އުޅޭ ގޮތް އެނގި ދަނޑު މައްޗަށް އެރި ސިއްހީ ކުއްލި ފަރުވާ ދޭ މަސައްކަތްތެރިން އަވަހަށް މަސައްކަތް ފެށި އިރު އެރިކްސަންގެ ޓީމު މޭޓުން ބެލީ އޭނާ ވަށާލައި ކެމެރާތަކަށް އޭނާ ފޮރުވޭތޯއެވެ.
ދަނޑުމަތީގައި އެރިކްސަންއަށް ދިން ފަރުވާއިން އޭނާގެ ފުރާނަ ސަލާމަތްވި އިރު މެޗު ބަލަން ގޮސް ތިބި ސަޕޯޓަރުން ވެސް ދެއްކީ ރީތި ނަމޫނާއެކެވެ.
އެރިކްސަންއަށް ލިބުނު އަނިޔާއަށް ފަހު ޑެންމާކްގެ ޓީމުގެ ހިތްވަރު ގެއްލޭނެ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް ޑެންމާކްގެ ޓީމު ވަނީ މުބާރާތުގައި ހީވެސް ނުކުރާހާ މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. އެހެން ނަމަވެސް ސެމީގައި 2-1 އަކުން އިނގިރޭސިވިލާތުގެ އަތުން ބަލިވެ ޑެންމާކަށް މުބާރާތް ނިންމާލަން ޖެހުނެވެ.
ރޮނާލްޑޯއާއި ކޯކްފުޅިތައް
ޔޫރޯ 2020 މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަންޒަރަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ އިން މޭޒުމަތީގައި ހުރި ކޯކްފުޅިތަކެއް ދުރުކުރާ މަންޒަރެވެ.
ސިއްހީ ގޮތުން ރައްކާތެރި ނޫން ކަމަށް ބުނާ ކޯކްފުޅިތައް ދުރުކުރަމުން ރޮނާލްޑޯ ވަނީ ބަދަލުގައި ފެން ބުއިމަށް ވެސް ގޮވާލާފައެވެ. މިމަންޒަރު މީސް މީޑިއާގައި ދައުރުކުރި އިރު ރޮނާލްޑޯގެ މި އަމަލުން ކޯކް ކުންފުންޏަށް ގިނަ ގެއްލުންތަކެއް ލިބުނެވެ. ރޮނާލްޑޯގެ އިތުރުން ފަރަންސޭސި ކުޅުންތެރިޔާ ޕޯލް ޕޮގްބާ ވެސް ވަނީ ޕްރެސްގެ ކުރިން މޭޒު މަތީގައި ހުރި ފުޅިތަކެއް އެކަހެރިކޮށްފައެވެ. މުސްލިމް ކުޅުންތެރިއެއް ކަމަށްވާ ޕޮގްބާ ދުރުކުރީ ބިޔަރު ފުޅިތަކެކެވެ.
އިންގްލޭންޑް ފައިނަލަށް ގޮސް ނާކާމިޔާބުވުން
ދުނިޔޭގެ އެންމެ ވަރުގަދަ ލީގު އޮންނަ އިންގްލޭންޑަކީ ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި މާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގައުމެއް ނޫނެވެ. އެހެން ނަމަވެސް ޔޫރޯ 2020 ގެ ގިނަ މެޗުތައް އަމިއްލަ ގައުމުގައި ކުޅުމުގެ އެޑްވާންޓޭޖް ލިބުނު އިންގްލޭންޑަަށް މިމުބާރާތަކީ އެގައުމުގެ މުބާރާތް ކަމަށް ވެސް ހީވިއެވެ.
މި ހީވުން ހަގީގަތާ ވެސް ގާތްވި އިރު ޔޫރޯ 2020 މުބާރާތުގެ ފައިނަލަށް އިންގްލޭންޑް ދަތުރުކުރީ ފަސޭހަ ކަމާއެކު އެވެ. އަދި ފައިނަލްގައި އިޓަލީއާ ވާދަކުރި އިރު މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ އިންގްލޭންޑުން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. 1-0 ގެ ނަތީޖާއަކުން މެޗު ނިންމަން އިންގްލޭންޑުން ހިފައިގެން ތިބި ނަމަވެސް އިޓަލީން ފަހަތުން އަރާ ލަނޑެއް ޖަހާ މެޗު އިތުރު ވަގުތަށް ގެންދިޔައެވެ. އިތުރު ވަގުތުން ވެސް ނަތީޖާ ނުނިކުތް އިރު މުބާރާތް ކާމިޔާބުކުރާ ޓީމު ނިންމީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކޮށް ޔޫރޯ 2020 މުބާރާތް ހޯދީ އިޓަލީންނެވެ.