"އިޓްސް ކަމިންގް ހޯމް" އަކީ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތްތަކުގައި އިންގްލޭންޑްގެ ސަޕޯޓަރުން އެންމެ އަޑު ހަރުކޮށް ކިޔާ ބަސްތަކެވެ. 1996 ވަނަ އަހަރު އިންގްލޭންޑްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް އިންގްލޭންޑުން އުފެއްދި ލަވަ "ފުޓްބޯލް އިޒް ކަމިންގް ހޯމް" ގެ ބައިތައް ފާއިތުވި އަހަރުތަކުގައި އިނގިރޭސި ފޭނުން ބޭނުންކޮށްފައިވަނީ ގައުމީ ޓީމަށް ހިތްވަރުދީ ސަޕޯޓްކުރުމުގެ ގޮތުންނެވެ.
މި ބަސްތައް އިތުރަށް މުހިންމު ވަނީ ދުނިޔޭގެ އެންމެ މޮޅު އެއް ލީގު އޮންނަ އިންގްލޭންޑަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި މިހާތަނަށް ލިބިފައިވާ ކާމިޔާބީތައް އާދިޔާ ހިލާފަށް މަދުވުމުންނެވެ.
ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިންގްލޭންޑް ދަތުރުކުރުމާއެކު އެތައް މިލިއަން ސަޕޯޓަރުންގެ އުއްމީދު އާވެގެން ދިޔައެވެ.
އަދި ރޭގެ ލަންޑަންގެ ވެމްބްލީގައި އިޓަލީއާ ދެކޮޅަށް ކުޅުނު ޔޫރޯ 2020 ފައިނަލް މެޗުގެ 2 ވަނަ މިނެޓްގައި އިންގްލޭންޑުން ލަނޑެއް ޖަހާ ލީޑު ނެގުމުން މި އުއްމީދު ހަޤީޤަތަކާ ވެސް ގާތްވިއެވެ.
އެހެން ނަމަވެސް މެޗުގެ ނަތީޖާ ނިކުތީ އިނގިރޭސިންގެ ހިތްތައް މާޔޫސްކޮށްލާ ފަދަ ގޮތަކަށެވެ. މެޗުގެ 67 ވަނަ މިނެޓްގައި އިޓަލީން ޖެހި ލަނޑާއެކު މެޗުގެ 90 މިނެޓްގައި ސްކޯ އެއްވަރުވެފައި އޮތުމުން އިތުރު 30 މިނެޓް ކުޅެގެން ވެސް ސްކޯ ހަމަހަމަކޮށް އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
އަމިއްލަ ފޭނުންގެ ކުރިމަތީގައި އިންގްލޭންޑް އަތުން ތަށި ބީވެގެން ދިޔައީ 3-2 އަކުން އިޓަލީ ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކުރުމުންނެވެ.
"އިޓްސް ކަމިންގް ޓު ރޯމް"
ޕެނަލްޓީ ޖަހައިގެން އިންގްލޭންޑް ބަލިވުމުން ލިބުނު ޒަހަމަށް ލޮނު އެޅީ މެޗުގައި އިޓަލީއަށް އެއްވަރުކޮށް ދިން ލަނޑު ޖަހާ ދިން ތަޖުރިބާކާރު ޑިފެންޑަރު ލިއަނާޑޯ ބަނޫޗީއެވެ.
މެޗުން މޮޅުވެ އިޓަލީގެ ކުޅުންތެރިން އުފާ ފާޅުކުރަމުން އަންނަނިކޮށް ބަނޫޗީ ވަނީ ކެމެރާއެއްގެ ކައިރިއަށް ހުއްޓި "އިޓްސް ކަމިންގް ޓު ރޯމް" ކަމަށް ބުނެ ހަޅޭލަވާ ހަދާފައެވެ. ރޯމް އަކީ އިޓަލީގެ ފުޓްބޯޅައިގެ ހަބެވެ.
މެޗު ނިމުނު ފަހުން ސޯޝަލް މީޑިއާގައި އާންމު އެހެން ވީޑިއޯކޮޅެއްގައި ވެސް ބަނޫޗީ "އިޓްސް ކަމިންގް ޓު ރޯމް" ކިޔައިގެން ލަވަ ކިޔާ މަންޒަރު ފެނެއެވެ.
މިއީ އިޓަލީން ސްޕެއިންއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި ލިބުނު ކާމިޔާބީއަށް ފަހު ބަނޫޗީއަށް ދިމާވިި ހާދިސާއަށް ބަދަލު ހިފުމުގެ ގޮތުން ކުރި ކަމަކަށް ވެސް ވެދާނެއެވެ.
ސްޕެއިންގެ މައްޗަށް ހޯދި ކާމިޔާބީއަށް ފަހު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ތިބި އިޓަލީގެ ބައެއް ސަޕޯޓަރުންނާއެކު އުފާ ފާޅުކުރުމަށް ފަހު އަލުން ދަނޑާ ދިމާލަށް ބަނޫޗީ މިސްރާބު ޖެހި ވަގުތު މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި އަންހެނަކު އިޓަލީގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ހިފަހައްޓަން މަސައްކަތް ކުރިތަން ފެންނަ ވީޑިއޯއަކީ މިިހާރު ވައިރަލް ވެފައިވާ ވީޑިއޯއެކެވެ.
ރޭގެ މެޗުން މޮޅުވެ ދެވަނަ ފަހަރަށް ޔޫރޯ ތަށި އުފުލާލި އިޓަލީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ޖެހެއެވެ. 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ވެސް ނުވި އިރު ކޯޗު ކަމާ ހަވާލުވެ ރޮބާޓޯ މަންޗީނީ ވަނީ ޖެހިޖެހިގެން 34 މެޗުން އިޓަލީ ބަލިވިޔަ ނުދީ އެޓީމަށް އާ ރޫހެއް ގެނެސްދީފައެވެ.
މެޗަށް ފަހު މަންޗީނީ ރޯތައް ފެނިގެން ދިޔަ އިރު އިޓަލީގެ ކޯޗު ބުނީ އޭނާގެ ކަރުނައަކީ މުޅި އިޓަލީއަށްޓަކައި އޮހުރުނު ކަރުނަތަކެއް ކަމަށެވެ.