މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިޓަލީ ދަތުރުކޮށްފިއެވެ.
އިޓަލީ މުބާރާތުގެ ފައިނަލްއަށް ދިޔައީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ސްޕެއިންއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-2 އަކުން ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކޮށްގެންނެވެ. މިމެޗު ޕެނަލްޓީ ޝޫޓް އައުޓްއަކަށް ދިޔައީ މެޗުގެ ނޯމަލް ވަގުތު 1-1 ސްކޯއެއް އޮތުމުން އިތުރު ވަގުތުގެ ގޮތުގައި ދެއްކި 30 މިނެޓްގައި ވެސް ދެ ޓީމު ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހުމުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާ ގިނަ ހަމަލާތައް ވެސް އުފައްދާފައެވެ. މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އައި އިޓަލީއަށް މެޗުގެ ފުރަތަމަ 45 މިނެޓުގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުނީ 0-0 ގެ ސްކޯ ލައިނަކުންނެވެ.
ދެވަނަ ހާފް ފަށައިގެން މެޗުގެ 60 ވަނަ މިނެޓްގައި އިޓަލީން ވަނީ ލަނޑެއް ޖަހާ މެޗުގައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފެޑްރީކޯ ކިއާސާއެވެ.
އިޓަލީގެ ލަނޑަށް ފަހު ސްޕެއިންއިން ކުޅުން ވަރުގަދަ ކުރި އިރު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އެޓީމަށް ލިބުނެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި މީގެ ތެރެއިން އެއް ފުރުސަތު އެޓީމަށް ކާމިޔާބުކޮށް ދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް ފޯވަޑް އަލްވޯރާ މޮރާޓާއެވެ.
މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 30 މެޗުގައި ދެޓީމަށް ވެސް މާ ރަނގަޅު ފުރުސަތެއް ނުލިބުނު އިރު މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
އިޓަލީ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކުރީ 4-2 އަކުންނެވެ.
ފައިނަލްގައި އިޓަލީ ކުޅެން ޖެހޭނީ މާދަމާ އިންގްލޭންޑާ ޑެންމާކް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.