ޕެނަލްޓީ ޖަހައިގެން އިންގްލޭންޑް ބަލިކޮށް އިޓަލީ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފިއެވެ.
އިޓަލީ މެޗު ކާމިޔާބުކުރީ 3-2 އަކުން ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކޮށްގެންނެވެ. މެޗު ޕެނަލްޓިއަށް ދިޔައީ މެޗުގެ ނޯމަލް ޓައިމްގައި ސްކޯ 1-1 އޮތުމުން އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 30 މިނެޓްގައި ވެސް ދެ ޓީމަށް ލަނޑެއް ނުޖެހުމުންނެވެ.
ލަންޑަންގެ ވެމްބްލީގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިންގްލޭންޑުންނެވެ. އެޓީމުގެ ޑިފެންޑަރު ލޫކް ޝޯ މިލަނޑު ޖެހީ އެއް މިނެޓް ފަންސާސް ހަ ސިކުންތުގެ ތެރޭގައެވެ. މިއީ މުބާރާތުގެ ތާރީހުގައި ވެސް ފައިނަލް މެޗެއްގައި މިހާ އަވަހަށް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ވެސް މާ ރަނގަޅު ކުޅުމެއް ދައްކާފައި ނުވާ އިރު މެޗުގައި ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. އަދި މެޗުގެ ފުރަތަމަ ހާފް ނިމުނީ އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.
އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. 1-0 ގެ ސްކޯ ލައިނަކުން މެޗު ނިންމަން އިންގްލޭންޑުން ހިފަހައްޓާގެން ތިބި އިރު އިޓަލީން ބެލީ ގިނަ ހަމަލާތަކެއް އުފައްދާ މެޗުގެ ނަތީޖާ ހަމަ ހަމަ ކުރެވޭނެ ގޮތެއް ހޯދާށެވެ.
މިކަމުގެ ނަތީޖާއަކަށްވީ މެޗުގެ 67 ވަނަ މިނެޓްގައި އިޓަލީން ލަނޑެއް ޖަހާ މެޗުގެ ސްކޯ އެއްވަރުކުރުމެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ތަޖުރިބާކާރު ޑިފެންޑަރު ލިއަނާޑޯ ބަނޫޗީއެވެ.
މެޗުގެ ބާކީ އޮތް ބައިގައި ދެޓީމަށް ވެސް މާ ރަނގަޅު ހަމަލާތަކެއް ނުއުފެއްދުނު އިރު މެޗުގެ 90 މިނެޓް ހަމަވުމުން މެޗުގެ ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ 30 މިނެޓް ކުޅެފައެވެ.
އިތުރު މިނެޓްގެ 30 މިނެޓްގައި ވެސް ދެ ޓީމުގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިފައި ނުވާ އިރު މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މިއީ ޔޫރޯ މުބާރާތުގައި ފައިނަލް މެޗެއް ޕެނަލްޓީ ޖަހައިގެން ނިންމި ދެވަނަ ފަހަރެވެ. ސެމީ ފައިނަލްގައި ސްޕެއިން ޕެނަލްޓީ ޝޫޓްއައުޓަކުން ބަލިކުރި އިޓަލީން މިރޭގެ މެޗު ކާމިޔާބުކުރީ 3-2 އަކުންނެވެ. މިގޮތުން، އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ އިންގްލޭންޑްގެ ދެ ޕެނަލްޓީއެއް ސޭވްކޮށްފައެވެ.