ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ޑެންމާކް މުބާރާތުގެ ސެމީ ފައިނަލްއަށް ދަތުރުކޮށްފިއެވެ.
ޑެންމާކް ސެމީއަށް ދިޔައީ މިރޭ ކުޅުނު ކުއާޓާ ފައިނަލް ތިން ވަނަ މެޗުގައި ޗެކް ރިޕަބްލިކް 2-1 އަކުން ބަލިކޮށްގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ޑެންމާކުންނެވެ. މެޗުގެ 5 ވަނަ މެޗުގައި މިލަނޑު އެޓީމަށް ޖަހާ ދިނީ ތޯމަސް ޑެލޭނީއެވެ.
ފުރަތަމަ ހާފްގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ވެސް ޑެންމާކުންނެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވީ ހާފް ނިމުމުގެ ކުރިން ޑެންމާކުން އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާ ކުރުމެވެ.
މިލަނޑު އެޓީމަށް ޖަހާ ދިނީ ޒުވާން ފޯވަޑް ކެސްޕާ ޑޯލްބާގްއެވެ.
ދެވަނަ ހާފްގެ ކުޅުން ފެށި އިރު ޗެކް ރިޕަބްލިކުން އެޓީމުގެ ކުޅުން ރަނގަޅުކުރި އިރު އެޓީމުން ވަނީ މެޗުގެ 49 މިނެޓްގައި ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ފޯވަޑް ޕެޓްރިކް ޝިކްއެވެ.
މިއީ މިމުބާރާތުގައި ޝިކް ޖެހި 5 ވަނަ ލަނޑެވެ. އޭނާއަކީ މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ދެކުޅުންތެރިންގެ ތެރެއިން އެކަކެވެ. ދެން މުބާރާތުގައި ފަސް ލަނޑު ޖެހީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މެޗުގެ ބާކީ އޮތް ބައިގައި ސްކޯ ހަމަހަމަ ކުރުމަށް ޗެކް ރިޕަބްލިކްއިން މަސައްކަތް ކުރި ނަމަވެސް ޑެންމާކްގެ ޑިފެންސްއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އަދި ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލްގެ ވެސް ވަނީި މުހިންމު ސޭވްތަކެއް ކޮށްފައެވެ.
ޗެކް ރިޕަބްލިކް އިން ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ 2-1 އަކުން ޑެންމާކް މޮޅުވެ ސެމީ ފައިނަލްއަށް ދަތުރުކޮށްގެންނެވެ. މިއީ 1992 ވަނަ އަހަރަށް ފަހު ޑެންމާކް ޔޫރޯ މުބާރާތެއްގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ސެމީގައި ޑެންމާކް ކުޅޭނީ އިނގިރޭސިވިލާތާ ޔޫކްރެއިން ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.