ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ކުއާޓާ ފައިނަލްގައި އިޓަލީއާ ބެލްޖިއަމް ކުޅުނު ފޯރިގަދަ މެޗު 2-1 އަކުން އިޓަލީ ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލްއަށް ދަތުރުކޮށްފިއެވެ.
ޖާމަނީ މިއުނިކްގައި ކުޅުނު މިމެޗުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ފުރަތަމަ ލަނޑު ޖެހީ އިޓަލީންނެވެ. މެޗުގެ 31 ވަނަ މިނެޓްގައި މިލަނޑު އިޓަލީއަށް ކާމިޔާބުކޮށް ދިނީ މިޑްފީލްޑަރު ނިކޮލާ ބަރޭލާއެވެ.
ފުރަތަމަ ހާފްގައި ބެލްޖިއަމްއަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު އިރު މެޗުގައި ދެން ވެސް ލަނޑު ޖެހީ އިޓަލީންނެވެ. މިގޮތުން މެޗުގެ 44 ވަބަ މިނެޓްގައި އިޓަލީއަށް ލީޑު ފުޅާކޮށް ދިނީ ލޮރެންޒޯ އިންސިންޔާއެވެ.
އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެލްޖިއަމްއިން ވަނީ ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 47 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓިއަކުން ބެލްޖިއަމްއަށް މިލަނޑު ކާމިޔާބުކޮށްދިނީ ރޯމަލޫ ލުކާކޫއެވެ.
މެޗުގެ ދެވަނަ ހާފްގައި މުޅިހެން ކުޅުނީ ބެލްޖިއަމްއިންނެވެ. އަދި މެޗުގެ ސްކޯ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ބެލްޖިއަމްއަށް ލިބުނެވެ.
އެހެން ނަމަވެސް މެޗު ނިމުނީ އިޓަލީ މޮޅުވެގެންނެވެ. ސެމީ ފައިނަލްގައި އިޓަލީ ކުޅެން ޖެހޭނީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗު ކާމިޔާބުކުރި ސްޕެއިންއާއެވެ.