ވެކްސިންއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިނުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމއެމްޕީއާރުސީ) އިން "އައިއޭމް ވެކްސިނޭޓެޑް" ނަމުގައި މައިކްރޯ ވެބްސައިޓެއް އިފްތިތާހު ކޮށްފިއެވެ.

މި ވެބްސައިޓް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެކްސިން ޖެހުމާގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބޭނެއެވެ. އަދި ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމާ އެކަމާގުޅޭ އެންމެ ފަހުގެ މައުލޫމާތުވެސް މި މައިކްރޯ ވެބްސައިޓް އިން ހުރެއެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި މައިކްރޯސައިޓުން އެޗްޕީއޭއިން އާންމުކުރާ އެންމެ ފަހުގެ ގައިޑްލައިންތަކާ ޕްރޮމޯޝަނަލް ވީޑީއޯތައް ވެސް ފެނިގެންދާނެ ކަމަށެވެ. އެ ކޯޕަރޭޝަން އިން ވަނީ ވެކްސިން ކެމްޕޭނާ ގުޅިގެން ފަތުރުވެރިކަމުގެ ފެސިލިޓީތަކުން ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ފޮޓޯ އާއި ވީޑީއޯ އަދި މައުލޫމާތުތައް އެ ސައިޓުގައި ހިއްސާކުރުމަށް ހުޅުވާލާފައެވެ.

މި ޕްރޮގުރާމް "އައިއޭމް ވެކްސިނޭޓެޑް" ކެމްޕޭން އަކީ ރާއްޖޭގައި ކުރިޔަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. އަދި ދުނިޔޭގެ އެންމެ ފުރަތަމަ ސައްތައިން ސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތަކަށް ރާއްޖެ ހެދުމަށް ކުރަމުން ދާ މަސައްކަތުގެ ދަށުން ފަށައިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ފަތުރުވެރިން ރާއްޖެ އައުމަށް ހިއްވަރު ލިބި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއް ގޮތުގައި މަޝްހޫރުވެގެން ދާނެކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.