ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6، 2021 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ތިބި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ހަމަލާ ދިނުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26، ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އަދި ނ. މަނަދޫ، ނޫރީގޭ، އަލީ ހައިޝަމް، 27 އެވެ.

މި ހަމަލާގައި ބޮން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ އަދުހަމް ހައްޔަރުކޮށްފައި ވަނީ މޭ މަހުގެ 9 ވަނަ ދުވަހު އޭނާ ދިރިއުޅޭ ހުޅުމާލޭ ގެ ފްލެޓްގައި ހުއްޓައެވެ. އަދި އަދުހަމް ހައްޔަރު ކުރިއިރު ހެކި ނައްތާލަން މަސައްކަތް ކޮށްފައި ހުރި ކަމުގެ ނިޝާންތައް ދިރިއުޅޭ ފްލެޓުން ފެނިފައި ވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. އެގޮތުން ތުނބުޅިއާ އިސްތަށިގަނޑު ކުރުކޮށް ކޮށައިފައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހަމަލާގައި ދެން ހައްޔަރުކުރި މުޖާޒް ހައްޔަރު ކޮށްފައި ވަނީ މެއި މަހުގެ 8 ވަނަ ދުވަހު އަލިކިލޭގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގެގ ކުލީ ކޮޓަރިއަކުންނެވެ. އަދި ތަހުމީން ހައްޔަރު ކޮށްފައިވަނީ ވެސް މެއި މަހުގެ 8 ވަނަ ދުވަހު ހުޅުމާލެއިންނެވެ. ތަހުމީނުއަކީ ބޮން ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމުގައި ފުލުހުން ބުނެއެވެ. މި ހަމަލާއާއި ގުޅިގެން އެންމެ ފަހުން ހައްޔަރުކޮށްފައި ވާ ފާތިހު ހައްޔަރުކޮށްފައި ވަނީ ބ. ދަރަވަންދޫއިން މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ފާތިހުއަކީ މީގެކުރިން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކޮށްފައި ވާ މީހެކެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޖާޒް އަހުމަދާއި، ތަހުމީންއަހުމަދު އަދި އަދުހަމް އަހުމަދުގެ ބަންދަށް އިތުރު 30 ދުވަސް މިމަހުގެ 22 ވަނަ ދުވަހު ޖަހާފައިވާ ކަމަށެވެ. އަދި އަހުމަދު ފާތިހުގެ ބަންދަށް މިމަހުގެ 20 ވަނަ ދުވަހު އިތުރު 15 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހަމަލާއާ ގުޅިގެން 5 ވަނަ އަށް ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ އަށް ނިސްބަތްވާ އެރަށު ނޫރީގޭ 27 އަހަރުގެ އަލީ ހައިޝަމް އެވެ. ހައިޝަމް ހައްޔަރުކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށާ އޭނާގެ ބަންދަށްވެސް މިމަހުގެ 27 ވަނަ ދުވަހު އިތުރު 15 ދުވަސް ޖަހައިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.