ހުސްވެފައިވާ އޮޑީޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ހުސައިން ނިޔާޒީގެ ނަން ރައްޔިތުން މަޖިލީހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މެ 25، 2021 ގައެވެ. އަދި މި މުއްދަތު ވަނީ މިމަހު 7 ވަނަ ދުވަހަށް ހަމަވެފައެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ މީގެ ކުރިން އެމަގާމުގައި ހުންނެވި ހުސައިން ޒިޔަތު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނަގެ ނަން އޮތުމުން ތަހުގީގަށް އެއްބާރުލުން ދޭކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އޮޑީޓަރު ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުން އޮންނާނީ ރައީސް ފޮނުއްވާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއިން ރުހުން ލިބިދޭ މީހަކު ރައީސް އައްޔަންކުރުމެވެ. މި މަގާމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ރައީސް މަޖިލީހަށް ފޮނުވައިފައިވަނީވެސް މިހާރު އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ނިޔާޒީގެ ނަން އެކަންޏެވެ.